ގްލާސްގޯ (ޖޫން 14) - ޕެޓްރިކް ޝިކް ކާމިޔާބު ކުރި އާދަޔާހިލާފް މޮޅު ލަނޑާ އެކު، ޗެކް ރިޕަބްލިކުން، ސްކޮޓްލޭންޑްގެ މައްޗަށް 2-0 އިން މޮޅުވެއްޖެ އެވެ.

ދެ ވަނަ ހާފުގައި، ޝިކް ކާމިޔާބު ކުރި ލަނޑަކީ، ޔޫރޯގެ 61 އަހަރުވީ ތާރީހްގައިވެސް އެންމެ މޮޅު ގޯލްތަކުގެ ތެރޭގައި ހިމެނޭނެ ލަނޑެކެވެ.

މެޗުގެ 52 ވަނަ މިނެޓްގައި، ޓޮމާސް ޝޫޗެކް އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި، ޝިކްއަށް ބޯޅަ ދިނީ، ސްކޮޓްލެންޑްގެ ކީޕަރު ޑޭވިޑް މާޝަލް ގޯލް އޭރިއާ ދޫކޮށް ކުރިއަށް ނުކުމެ ހުރުމުންނެވެ. ޝޫޗެކް ދިން ބޯޅަ ސްކޮޓްލެންޑުގެ ހާފުގެ ތެރެއަށް ވަން ގޮތަށް ޝިކް ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. ކީޕަރު މާޝަލްގެ ބޯމަތިން އޮއްސިގެންފައި ދިޔަ ބޯޅަ ހުއްޓުވަން އޭނާއަށް ގޯލައާ ހަމައަށް ދެވުނުއިރު އެ ބޯޅަ އޮތީ ގޯލްގެ ތެރެއަށް ވަދެފަ އެވެ.

ސްކޮޓްލޭންޑްގެ ގްލާސްގޯގެ ހެމްޓްޑަން ޕާކްގައި ކުޅުނު މެޗުގައި ޗެކް ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ޝިކް އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވްލަޑްމިއާ ސޮފޯލް ނެގި ކޯނަރު ބޮލުން ވައްދާލައިގެންނެވެ.

ޝިކް ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ޝިކް ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ސްލޮވޭކިއާގެ ނަމުގައި 1976 ގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދި ޗެކްގެ ޓީމު ޔޫރޯގައި މޮޅެއް މި ހޯދީ ނުވަ އަހަރަށް ފަހު އެވެ. ފްރާންސްގައި 2016 ގައި ބޭއްވި، ޔޫރޯގެ ގްރޫޕް ސްޓޭޖުން ޗެކް ކަޓައިގެން ދިޔައީ އެއްވެސް މެޗަކުން މޮޅު ނުވެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސްކޮޓްލެންޑްގެ މައްޗަށް ޗެކް ރިޕަބްލިކަށް ކާމިޔާބު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އަނެއް ކުޅުންތެރިޔަކީ ކީޕަރު ޓޯމަސް ވެސެލިކް އެވެ. އޭނާ ވަނީ މެޗުގައި ސްކޮޓްލެންޑުން ފޮނުވާލި ނުރައްކާތެރި ގިނަ ބޯޅަތަކެއް ހުއްޓުވުމަށް މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.