ޗެކިއާ ނުވަތަ ޗެކް ރިޕަބްލިކްގެ މައްޗަށް ފަހަތުން އަރައި 2-1 ން މޮޅުވެ ދެކުނު ކޮރެއާއިން ވޯލްޑް ކަޕްގެ ގުރޫޕް އޭ ދެވަނަ މެޗު ކާމިޔާބު ކޮށްފި އެވެ.
މެކްސިކޯގެ ގުއާޑަލަހާރަ ސްޓޭޑިއަމްގައި ކުޅުނު މެޗު ޑޮމިނޭޓް ކުރީ ދެކުނު ކޮރެއާއިންނެވެ. ފުރަތަމަ ހާފުގައި ވެސް ފުރުސަތުތަކެއް އުފެއްދި އެވެ. އެކަމަކު އެ ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވި އެވެ.
މެޗުގެ ކުރީކޮޅު ލީ ޖޭ-ސަންގް ޗެކިއާގެ ޑިފެންސް ފޫއަޅުވާލާފައި ދިޔަ ނަމަވެސް އޭނާއަށް ލަނޑެއް ޖެހޭ ވަރެއް ނުވި އެވެ.
އެ ޓީމުގެ ތަރި ސޮން ހިއުން މިން އަށް ވެސް ލިބުނު ދެ ފުރުސަތެއް ވީ ބޭކާރެވެ.
މެޗުގެ ކުރީކޮޅު ކޮރެއާގެ މިޑްފީލްޑަރު ލީ ކަންގް-އިން އަށް ޖާގައެއް ލިބި، އޭނާ ފޮނުވާލި ބާރު ހަމަލާ ޗެކިއާގެ ގޯލްކީޕަރު މާޓޭ ކޮވާރް ވަނީ ފުންމައިގެން އަރައި ބޯޅަ ދިފާއުކޮށްފަ އެވެ. އަދި މެޗުގެ 37 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި ސޮން އަށް ކައިރިކައިރީގައި ބޮޑު ދެ ފުރުސަތެއް ލިބުނެވެ.
އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފަށް ނުކުމެ، އެ ހާފުގެ ކުރީކޮޅު ކޮރެއާއިން ވަރުގަދަ ދެ ހަމަލާ އުފެއްދި އެވެ.
މިޑްފީލްޑަރުން ކަމަށްވާ ހުއާން އިން ބިއޮމް އާއި ޕައިކް ސިއުން ހޯ، ޗެކިއާގެ ޑިފެންސުން ކްލިއާކޮށްލި ބޯޅަ ހޯދައި، އެ ޓީމުގެ ޑިފެންސް ރޫޅާލުމަށްޓަކައި އަވަސް ފާސްތަކެއް އުފައްދައި ވިންގަށް ބޯޅަ ސަޕްލައި ކުރި އެވެ.
ލިބުނު ހުސް ޖާގައިގެ ބޭނުން ހިފައި، ވިންގް ޑިފެންޑަރު ސިއޮލް ޔަންގްވޫ، ވަނީ ކަނާތްފަރާތުން ވަރަށް ހަލުވިކަމާއެކު ކުރިއަށް އަރައި ފުރުސަތެއް ތަނަވަސްކުރަން މަސައްކަތްކޮށްފަ އެވެ.
ޗެކިއާއިން އެ ބޯޅައިގެ ނުރައްކާ ކުޑަކުރި އެވެ. ކޮރެއާއިން ވަނީ ޗެކިއާގެ ކައުންޓަ އެޓޭކް ވަގުތުން ހުއްޓުވައި، އަލުން އެ ޓީމުގެ ހާފުގެ ތެރެއަށް ބާރުބޮޑުކޮށްފަ އެވެ. އަލުން ކޮރެއާއިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ލީ ކަންގް-އިން އަށް ޕެނަލްޓީ އޭރިއާގެ ބޭރުން މެދުތެރެއިން ބޯޅަ ލިބުމާ އެކު، ޗެކިއާގެ ދެ ޑިފެންޑަރުން އޭނާ ހުއްޓުވަން މަސައްކަތް ކުރި އެވެ.
އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލުމުގެ ބަދަލުގައި، ލީ ވަނީ ވަރަށް ޗެކިއާގެ ޑިފެންސްގެ މެދުތެރެއިން ތިރިތިރިން ފާހެއް ފޮނުވާލާފަ އެވެ. އެ ބޯޅަ އަށް، ސޮން މަސައްކަތް ކުރި ވަގުތާ ދިމާވި ނަމަވެސް ޗެކިއާގެ ކީޕަރު ކޮވާރް ވަނީ ވަގުތުން ކުރިއަށް ނިކުމެ ސޮންގެ ފައިދަށުން ބޯޅަ ސަލާމަތްކޮށްފަ އެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޗެކިއާއިން ވަނީ ލީޑް ނަގައިފަ އެވެ. މި ލަނޑު އެ ޓީމުން ޖެހީ އެއްލުމެއްގެ ބޭނުން ހިފައިގެންނެވެ. ލަޑިސްލާވް ކްރެއިޗީ ވަނީ ލީ ޖޭ-ސަންގް ކައިރިން ނިކުމެ، ލިބުނު ފުރުސަތުގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
ޗެކިއާ އަށް ލިބުނު އެއްލުން ވްލަޑިމީރް ސޯފަލް ވަނީ ވަރަށް ބާރަށްސީދާ ޕެނަލްޓީ އޭރިއާގެ ތެރެއަށް އެއްލާފަ އެވެ.
އެ ވަގުތު ލަޑިސްލާވް ކްރެއިޗީ ވަނީ ކޮރެއާގެ ޑިފެންޑަރުންނަށްވުރެ އަވަހަށް ބޯޅަ އަށް މަސައްކަތްކޮށް ބޯޅަ ބޮލުން ޖަހާފަ އެވެ. އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ ސީދާ ގޯލްކީޕަރުގެ ކައިރިން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
ލީޑް ނަގައިގެން، ޗެކިއާއަކަށް މާގިނަ ވަގަުތު ހަމަޖެހިލައިގެން ނުތިބެވުނެވެ. ލީޑް ނެގިތާ 10 މިނެޓް ނުވަނީސް ކޮރެއާއިން އެއްވަރު ކުރި އެވެ.
ކޮރެއާގެ މެދުތެރެއިން އުފެއްދި ޕާސްތަކާއި ހަލުވި ހަރަކާތްތަކާ އެކު އެވެ. އެ ލަނޑު ޖެހީ މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ހުއާން އިން ބިއޮމް އެވެ. ކުރިން ކަނާތްފަރާތުން ލިބުނު ފުރުސަތެކޭ އެއްފަދައިން، އޭނާ ވަނީ ޗެކިއާގެ ޑިފެންޑަރުންނަށް ނޭނގި ވާތްފަރާތު ފްލޭންކަށް ބަދަލުވި އެވެ.
ޗެކިއާގެ ޑިފެންސުން ދިފާއު ކުރަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން، ހުއާން އިން ބިއޮމް އަމިއްލައަށް އެ ބޯޅަ ހޯދައި، އޭރިއާ ތެރެއަށް ވަދެ ޗެކިއާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ލަނޑު ޖެހި އެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ޗެކިއާއިން ދެވަނަ ލަނޑެއް ޖަހައި އަލުން މެޗުގެ ލީޑު ހޯދި ކަމަށް ހީކޮށް ބޮޑު އުފާފާޅު ވެސް ކުރި އެވެ. ނަމަވެސް، އެ ޓީމުގެ އުފާވެރިކަން ނިމުމަކަށް އައީ ރެފްރީ ވީއޭއާރު މެދުވެރިކޮށް ބެލުމުންނެވެ.
އެ ލަނޑު ބަލައި ނުގަތުމުން ޗެކިއާގެ ކުޅުންތެރިންގެ ސަމާލުކަން ގެއްލުނު ވަގުތުގެ ފައިދާ ކޮރެއާއިން ވަރަށް ހިފި އެވެ. އެގޮތުން ކައުންޓަ އެޓޭކެއްގައި މިޑްފީލްޑަރު ހުއާން އިންބިއޮމް ވަނީ ދަނޑުގެ މެދުތެރެއިން ވަރަށް ހަލުވިކަމާއެކު ބޯޅަ ކުރިއަށް ހިފައިގެން އަރާފަ އެވެ.
ހުއާން ކުރިއަށް އަރައި، ޗެކިއާގެ ގޯލު ކުރިމައްޗަށް ތިރިތިރިން ބާރު ޕާހެއް ފޮނުވާލި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް އޯ ހިޔުންގިއު ވަނީ ކުރިއަށް ޖެހި، ވާތު ފައިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.