މިދިޔަ ވޯލްޑް ކަޕްގެ މެޗުތައް ބޭއްވި އެމެރިކާގެ 11 ސިޓީއަކަށް، 11 މިލިއަން ޑޮލަރު ދިނުމަށް ފީފާއިން އެއްބަސްވެފައިވީ ނަމަވެސް، އެ ފައިސާ ދޭން ދެކޮޅުހަދަމުންދާ ކަމަށް 'ދި އެތުލެޓިކް' ނޫހުން ބުނެފި އެވެ.

ވޯލްޑް ކަޕް މެޗުތައް ބާއްވައިދިން އެމެރިކާގެ ކޮންމެ ސިޓީއަކަށް، އެއް މިލިއަން ޑޮލަރުގެ މަގުން ޖުމްލަ 11 މިލިއަން ޑޮލަރު ދިނުމުގެ ނިޔަތް އޮތްކަން، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސިޓީތަކުގެ ކައުންސިލްތަކާ އެކު އެއްބަސްވި ކަމަށްވެ އެވެ.

ނަމަވެސް އެކަމާ ބެހޭ އެއްވެސް އިއުލާނެއް ފީފާއަކުން ނުކުރެ އެވެ. 

ދި އެތުލެޓިކް ނޫހުން މިއަދު ބުނީ، އެ ފައިސާ ދިނުމަށް ފީފާއިން މިހާރު ދެކޮޅުހަދަމުންދާ ކަމަށެވެ. އަނގަބަހުން ބުނެފައިވާ ބުނުމަކަށް، އެ ސިޓީތަކުގެ ކައުންސިލްތަކުން ތިބީ އިތުބާރުކޮށްގެންނެވެ.

ދި އެތުލެޓިކުން ބުނިގޮތުގައި މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕް މެޗުތައް ބާއްވައިދިން ސިޓީތަކަށް ވެސް "ލެގަސީ ކޮންޓްރިބިއުޝަން" ގެ ނަމުގައި ފީފާއިން އެއް މިލިއަން ޑޮލަރުގެ މަގުން ކޮންމެ ސިޓީއަކަށް ފައިސާ ދިނެވެ.

އެމެރިކާގެ އިތުރުން މެކްސިކޯ އާއި ކެނެޑާ ވެސް ވޯލްޑް ކަޕް ބާއްވައިދިނުމުގައި ހިއްސާވި އެވެ. އެކަމަކު އެ ދެ ގައުމުގެ އެއްވެސް ސިޓީއަކަށް، މިފަދަ ކޮންޓްރިބިއުޝަނެއް ދޭ ވާހަކައެއް އެއްވެސް ފަރާތަކުން ނުދައްކަ އެވެ.

"ނިޔަތް އޮތް ކަމަށް" އިންފަންޓީނޯ ބުނެފައިވާކަމަށް ސިޓީތަކުގެ ކައުންސިލުތަކުން ވަކާޅަތުކުރާ ފައިސާ ހޯދަން އެ ކައުންސިލުންތަކުން މަސައްކަތް ކުރަމުންދާކަން ވަނީ ހާމަވެފަ އެވެ.

ފީފާ އަށް މިއަހަރުގެ ވޯލްޑް ކަޕުން 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އެވަރުގެ ބޮޑު އަދަދެއް ފީފާއިން ހޯދީ މެޗުތަކުގެ ޓިކެޓް، އިންތިހާއަށް އަގުބޮޑުކޮށް ވިއްކައިގެންނެވެ. އަދި ހައިޑްރޭޝަން ބްރޭކްގެ ނަމުގައި، ކޮންމެ ހާފެއްގައި މެޗު މެދުކަނޑާލައި ޓީވީން އިސްތިހާރު ދައްކައިގެން ވެސް ފީފާއިން ބޮޑު އާމްދަނީއެއް ހޯދި އެވެ.