އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑު އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދުނު އެދުމާ އެއްގޮތަށް ފީފާއިން، އެ ސަސްޕެންޝަން އުވާލުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވޯލްޑް ކަޕް އެކުއެކީގައި ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާއިން، ދެވަނަ ބުރުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގައި، ބަލޯގަން ކުރި އާދައިގެ ފައުލަކަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ. އެއީ ބޮސްނިއާގެ ތާރިކް މުހަރެމޮވިޗްގެ ފަހަތުގައި ހުރެ ފައިގެ ފުންނާބު މަތީގައި ފައިގެ ދަށްފުށުން ޖެހުމުންނެވެ.
މި މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވެސް މިފަދަ ފައުލެއް ކުރި އެވެ. އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު އެ މެޗުގެ 30 ވަނަ މިނެޓުގައި މެސީ ވަނީ ފަހަތުން އައިސް އަލްޖީރިއާގެ ޑިފެންޑަރު އައިސާ މަންދީގެ ގެ ފައިގެ ފުންނާބު މަތީގައި ބޫޓުގެ ދަށްފުށުން ޖަހާފަ އެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން މެސީ އަށް އެއްވެސް ކާޑެއް ނުދައްކަ އެވެ.
އެމެރިކާ އާއި ބޮސްނިއާގެ މެޗުގައި ބަލޯގަންގެ ހާދިސާ ވީއޭއާރުން ބަލައި ރިވިއު ކުރުމަށްފަހު ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. އެހެންވެ އޭނާ އަށް ގަދަ 16 ގެ މެޗު ގެއްލޭނެ ކަމަށް ބެލެވުނެވެ.
ނަމަވެސް ޓްރަމްޕް ވެސް އެދިވަޑައިގެން ފައިވަނިކޮށް ފީފާއިން ބަލޯގަން ގެ ރަތް ކާޑް ކެންސަލްކޮށް އޭނާގެ ސަސްޕެންޝަން އުވާލާފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުމުގައި މިހާރު އޭނާ އަށް އެއްވެސް ހުރަހެއް ނެތެވެ.
އެމެރިކާގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ނިންމުން ރިވިއުކުރުމަށް ބާރުއަޅައި، ޓްރަމްޕް ވަނީ ބުދަ ދުވަހުން ފެށިގެން ފީފާގެ އިސްވެރިންނަށް ތިން ފަހަރެއްގެ މަތިން ގުޅުއްވާފައިވާ އެވެ.
ފީފާއިން ނިންމުން ބަދަލު ކުރުމުން ޓްރަމްޕް ވަނީ ފީފާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރޫތު ސޯޝަލް"ގައި ކުރެއްވި ޕޯސްޓޤގައި ޓްރަމްޕް ވަނީ ފީފާއިން ނިންމީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.
"ރަނގަޅު ގޮތް ނިންމައި ބޮޑު ބޭއިންސާފެއް ބަދަލުކޮށްދިނީތީ ފީފާ އަށް ސާބަސް ދެނ،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބުނީ މި ގޮތަށް ނިންމީ ފީފާގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މެޗުތައް ބޭނުންގޮތަކަށް ބަދަލުކުރުމާ ގުޅުން ނެތް ކަންކަމުގައި ރަތް ކާޑު އަދަބު މެދުކަނޑާލުމުގެ ބާރު މި މާއްދާއިން ލިބިދޭކަމަށް އެ ކޮމިޓީން ބުންޏެވެ.
ނަމަވެސް ބަލޯގަން އެއް އަހަރު ދުވަހު ހުންނަން ޖެހޭނީ ވަކި ހަމައެއްގެ ތެރޭގަ އެވެ. އެ މުއްދަތުގައި، ޑިސިޕްލިނަރީ މައްސަލައެއް ކުރިމަތިވެއްޖެނަމަ، އޭނާ އަށް އަދަބު ބޮޑުވާނެ އެވެ.
މީގެ ކުރިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑަކާ ގުޅިގެން ވެސް ފީފާ އިން ވަނީ މި މާއްދާ ބޭނުންކޮށްގެން އޭނާ އަށް ދިން އަދަބު އުވާލައިފަ އެވެ.
ބަލޯގަންގެ އަދަބު އުވާލައި ދިނުމުން، އެކަމާ އެންމެ ބޮޑަށް ހިތްހަމަނެުޖެހުނީ އެމެރިކާއާ ދެކޮޅަށް ކުޅެން ތައްޔާރުވާ ބެލްޖިއަމުންނެވެ. އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ފީފާގެ މި ނިންމުމާ މެދު ވަރަށް ބޮޑަށް ހައިރާންވާ ކަމަށެވެ. އެ އިދާރާއިން ބުނީ ރަތް ކާޑު ދެއްކުމުން އޮޓޮމެޓިކުން އެއް މެޗަށް ސަސްޕެންޑް ވާނެ ކަމަށެވެ.
މި މައްސަލައިގައި ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލަމުންދާނެ،" ބެލްޖިއަމްގެ އެފްއޭއިން ބުންޏެވެ.
ބަލޯގަންގެ ސަސްޕެންޝަން ފިލައި އެމެރިކާ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. ބަލޯގަން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ 2002 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިއުމުގެ އުއްމީދު ދަމަހައްޓަމުންނެވެ.
ޒަމާނީ ފުޓްބޯޅަ އަށް މަޝްހޫރު ކޯޗު މައުރީޝިއޯ ޕޮޗެޓިނޯގެ އިރުޝާދުގެދަށުން އެމެރިކާ ޓީމުން ދަނީ މުބާރާތގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.