މެޑްރިޑް (އޮގަސްޓް 26) – ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް ވިޔާ އަށް ތިން އަހަރަށް ފަހު ސްޕެއިން ގައުމީ ސްކޮޑުން ޖާގަ ދީފި އެވެ.

އެމެރިކާގެ މޭޖާ ލީގުގެ ނިއުޔޯކް ސިޓީ އެފްސީ އަށް ކުޅޭ އުމުރުން 35 އަހަރުގެ ވިޔާ ވަނީ ސްޕެއިނުން 2008 ގެ ޔޫރޯ އާއި 2010 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ކުޅެފަ އެވެ. އޭނާ 97 މެޗުން 59 ގޯލް ޖަހާފައިވާއިރު އޭނާ އަކީ ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއާ ވެސް މެ އެވެ. ބާސެލޯނާގެ ކުރީގެ ތަރި އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ.

މޭޖާ ލީގުގައި 24 މެޗުން 19 ގޯލް ޖަހައި މި ސީޒަނުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ވިޔާ އަށް ފުރުސަތު ދިނީ ވޯލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު 2 ގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗާއި ސެޕްޓެމްބަރު 5 ގައި ލީޗްޓެސްޓެއިނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުންނެވެ.

ވިޔާއާ އެކު ސްކޮޑުގައި ދެން ހިމެނޭ ފޯވާޑުންނަކީ ޗެލްސީގެ ޕެޑްރޯ އާއި އަލްވާރޯ މޮރާޓާ އާއި ސެލްޓާ ވީގޯގެ އިއާގޯ އަސްޕަސް އެވެ. އެހެން ކުޅުންތެރިންނަށް ބަލާއިރު ރެއާލް މެޑްރިޑުގައި ވިދަމުން އަންނަ މިޑްފީލްޑަރު މާކޯ އަސެންސިއޯ އާއި ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ވެސް ވަނީ ހިމަނައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ޖީ ގައި ސްޕެއިނާއި އިޓަލީ 16 ޕޮއިންޓް ހޯދާފައިވާއިރު މި ވަގުތު އެއް ވަނައިގައި އޮތީ ސްޕެއިނެވެ. އެހެންވެ މެޑްރިޑުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ. އޮޓޮމެޓިކް ކޮލިފައިން ޖާގަ ލިބޭނީ ގްރޫޕުގެ އެއް ވަނަ ޓީމަށެވެ.