ފަރުވާ ލިބުން ލަސްވެ، އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑު-19 ގައި ނިޔާވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް އަންނަ ހަފުތާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާޒިރުކުރާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ވެސް ހެލްތު މިނިސްޓަރު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އެ ދުވަހު މިނިސްޓަރު ވަނީ މުޅި ތަހުގީގު ނުނިމޭތީ އެކަމަށް ބޭނުންވާ މައުލޫމާތު ފުރިހަމައަށް އެއްކުރުމަށް ފަހު ރަނގަޅަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ހަފްތާއެއްހާ ދުވަސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޖީހާން، "މިހާރު" އަށް ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން އިތުރު ބައްދަލުވުމެއް އިއްޔެ ހަވީރު 4:00 ގައި ބާއްވަން ކޮމިޓީން ނިންމި ނަމަވެސް ކޮމިޓީގެ މަސައްކަތްތައް ހުރި ގޮތުން ބައްދަލުވުން ނުބޭއްވުނު ކަމަށެވެ. އޭނާ ވިދާޅުވީ އިއްޔެގެ ކޮމިޓީއަށް ހެލްތު މިނިސްޓްރީގެ ބޭފުޅުން ވެސް ހާޒިރުވާން ތައްޔާރަށް ތިބުމުން ބެލެވެނީ އެކަމުގެ ތަހުގީގު ނިމުނީ ކަމަށެވެ.

ބައްދަލުވުން އިއްޔެ ބޭއްވިފައި ނުވާތީ ކުރިއަށް އޮތް ހަފްތާއަށް މިނިސްޓަރު ހާޒިރުކުރާ ގޮތަށް ބައްދަލުވުމެއް ތާވަލުކުރާނެ ކަމަށް ޖީހާން ވިދާޅުވެ އެވެ. އެކަމަކު ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑިއެއް ނިންމާނީ އާދިއްތަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ މިޝްކާ ނިޔާވި މައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ހެލްތު މިނިސްޓްރީއަށް އަމާޒުވި އެވެ. އެކަމާ ގުޅިގެން މައްސަލަ ހިނގާދިޔަ ގޮތް ބަލައި ކޭސް ރިވިއުއެއް ވެސް މިނިސްޓްރީން އާންމުކުރި އެވެ. އޭގައިވާ ގޮތުން ބޮޑެތި އިހުމާލުތަކެއް ހުއްޓެވެ.

ރިވިއުގައި ބުނީ މިޝްކާ ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، އެ ކުއްޖާގެ ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށެވެ. އެމްބިއުލާންސް އައުން ލަސްވެ، ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން ވެސް މީހަކު ދަރުބާރުގެއަށް ފޮނުވި އެވެ. ގެއާ ހިސާބަށް އެމްބިއުލާންސް ދިޔައީ އެކަމަށް މަސައްކަތް ކުރިތާ ދެ ގަޑިއިރާ 25 މިނެޓް ފަހުންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރުނު ރިވިއުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން މިޝްކާގެ އާއިލާއިން ދޮގު ކުރެ އެވެ.

މިޝްކާ ނިޔާވި މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މިއަދާ ހަމަޔަށް ވެސް އެކަމާ ގުޅިގެން އެއްވެސް ފަރާތަކަށް ފިޔަވަޅެއް އެޅިކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރިޕޯޓް ނިމުނުތޯ މިނިސްޓްރީއާ ސުވާލުކުރި ނަމަވެސް އަދި އެކަމުގައި ޖަވާބެއް ވެސް ނުލިބެ އެވެ.