ފިލެޑެލްފިއާ (ޖުލައި 26) - އެމެރިކާގެ ރައީސަކަށް ދެން ވާން ޖެހޭނީ ހިލަރީ ކްލިންޓަން ކަމަށް އެކަމަނާއާ ޕްރައިމަރީގައި ވާދަކުރެއްވި ބާނީ ސެންޑާސް ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ހިލަރީކަން ރަސްމީކޮށް ކަނޑައެޅުމަށް ބާއްވާ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސެންޑާސް ވިދާޅުވީ ހިލަރީ ކްލިންޓަން ވަނީ ގައުމަށް ލިބޭނެ އެންމެ ރަނގަޅު ވެރިއަށް ކަމަށާއި އެފަދަ ވެރިއެއްގެ ފަހަތުގައި ހުންނެވުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ސޭންޑާސް ސްޓޭޖަށް ވަޑައިގަތުމާ އެކު އެ މަނިކުފާނަށް ވަނީ ވަރަށް ހޫނު ތަރުހީބެއް ދީފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަން ފެށިއިރު ސެންޑާސްގެ ކެމްޕޭނާ ދެކޮޅަށް ޕާޓީގެ އިސް ފަރާތްތަކުން މަސައްކަތްކޮށްފައިވާކަން ދޭހަވާ އެތައް ހާސް އީމެއިލެއް ވަނީ ބޭޒާރުވެފަ އެވެ. މި މައްސަލާގައި ސެންޑާސްގެ ސަޕޯޓަރުން ވަނީ ވަރަށް ރުޅިގަދަވެފަ އެވެ. އަދި ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި އެންމެ ފަހުން ޗެއާޕާސަން ޑެބީ ވަސަމަން ޝުލްޒް އިސްތިއުފާ ދެއްވުމަށް ވަނީ ނިންމައިފަ އެވެ. އެފްބީއައި އިން ބުނީ އީމެއިލް ލީކުވި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަނުގައި ފަސްޓް ލޭޑީ މިޝޭލް ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭޕީ
ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަނުގައި ފަސްޓް ލޭޑީ މިޝޭލް ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭޕީ

ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ފަހުން ވަނީ އީމެއިލްތަކުގެ މައްސަލާގައި ސޭންޑާސްގެ ކިބައިން މައާފަށް އެދިފަ އެވެ.

ސޭންޑާސް ވިދާޅުވީ މިއީ ބައިބައިވާންވީ ވަގުތު ނޫން ކަމަށާއި އެންމެން އެކަތިގަނޑަކަށް ވެގެން އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.

ކޮންވެންޝަނުގެ ފުރަތަމަ ދުވަހު ފަސްޓް ލޭޑީ މިޝޭލް އޮބާމާ ދެއްވި ތަގްރީރަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ނަން ވިދާޅު ނުވެ މިޝޭލް ވަނީ އެ މީހުންގެ ލެވެލް އަށް ނުދިއުމަށް އެދިވަޑައިގެންފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ މޮޓޯއަކަށް ވާން ޖެހޭނީ "އެ މީހުން ދަށް ލެވެލް އަށް ވެއްޓެންޏާ އަހަރެމެން މައްޗަށް އެރުން" ކަމަށެވެ.

މިޝޭލް ވިދާޅުވީ އެކަމަނާގެ ފިރިކަލުންނަށް ފަހު އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަން ބޭނުން ވަނީ އެ ވަޒީފާ ރަނގަޅަށް ދަންނަ މީހެއް ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަނުގައި ޕާޓީގެ 5،000 އަށް ވުރެ ގިނަ ޑެލިގޭޓުން ބައިވެރިވެ އެވެ. އަދި 15،000 އަށް ވުރެ ނޫސްވެރިން ދަނީ ކޮންވެންޝަން ކަވަރު ކުރަމުންނެވެ. ކޮންވެންޝަނުގައި ރައީސް ބިލް ކްލިންޓަން މިއަދު ތަގްރީރު ކުރައްވާނެ އެވެ. އަދި ރައީސް ބަރަކް އޮބާމާ އާއި ނައިބް ރައީސް ޖޯ ބައިޑަން އަދި ހިލަރީގެ ރަނިން މޭޓް ޓިމް ކެއިން ތަގްރީރު ކުރައްވާނެ އެވެ. ކޮންވެންޝަނުގެ ފަހު ދުވަހު ހިލަރީ ތަގްރީރު ކުރެއްވުމަށް ފަހު އެކަމަނާގެ ދަރިކަނބަލުން ޗެލްސީ ތައާރަފް ކުރައްވާނެ އެވެ