ދައުލަތަށް ފަސް ލައްްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރީގެ ޑެޕިއުޓީ ޕީޖީ ދީބާނާޒްގެ މައްޗަށް އެ ހުކުމް އައީ އޭނާ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއިން ބޭރުން އޭނާ މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.

ދައުލަތުން ހޯދަން އެދުނު 559،000ރ. ދައްކަން އެއްބަސްވެ، ފައިސާ ދައްކާނެ ގޮތަކާ މެދު ދައުލަތާއި ދީބާނާޒާ ދެމެދު އެއްބަސްވުމަކަށް އައުމުން މި މަހުގެ ހަތް ދުވަހު ކޯޓުން ކުރި ހުކުމުގައި އަންގާފައިވަނީ އަންނަ މަހުން ފެށިގެން 36 މަސް ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށެވެ.

ޕީޖީ އޮފީހާއި ދީބާނާޒާ ދެމެދު އޮތް އެއްބަސްވުން ބުނާގޮތުން ކޯސް ފުރިހަމަ ނުކޮށްފި ނަމަ އެ ކޯހަށް ދައުލަތުން ކުރި ޚަރަދު އަނބުރާ ދައްކަން ޖެހެ އެވެ. ކޯހުގެ މުއްދަތުގައި އޭނާ އެ ކޯސް ފުރިހަމަ ނުކުރައްވާ ކަމަށްވެ އެވެ. އޭނާ ކޯސް ފުރިހަމަ ކުރެއްވީ ފަހުންނެވެ.

ދީބާނާޒަކީ ޕީޖީގެ މަގާމުގައި އަހުމަދު މުއިއްޒު ހުންނެވިއިރު އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ފަހުން އޭނާ ވަނީ އެ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވައިފަ އެވެ.