ދިރާގުން މީޑިއާނެޓާ ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
މި ޕާޓްނަޝިޕްގެ ދަށުން، ދިރާގުގެ ހިދުމަތްތަކާ އެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު ލިބޭނެ އެވެ. އަދި ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި ބޭނުން ވަގުތަކު ބަލައިލެވޭ 'އޮން-ޑިމާންޑް' ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާ އެކު އަގުހެޔޮކޮށް ބަލާލުމުގެ ފުރުސަތު ފަހިވާނެ އެވެ.
އަލަށް ތައާރަފުކުރި މީޑިއާނެޓްގެ މި ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކި ބޭނުންތަކަށް ބިނާކޮށް ކަމަށް ދިރާގުން ބުންޏެވެ.
އެ ބަންޑަލްތަކުގެ ތެރޭގައި އެއް މަސްދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ހިޔާރު ކުރެވޭ ޕެކޭޖުތައް ހިމެނެ އެވެ. އެ ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު 50 ރުފިޔާއިންނެވެ. އޭގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ހާއްސަ ކޮށްފައިވާ 'ވީޑިއޯ ކްލަބް މޯބައިލް' ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު 50 ރުފިޔާ އަށް ބަލައިލުމުގެ ފުރުސަތު ވެސް ދިރާގުގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
މި ހިދުމަތަށް ސަބްސްކްރައިބް ކުރެވޭނީ ދިރާގު އެޕް މެދުވެރިކޮށް އެމްޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް 'ސަބްސްކްރައިބް'ބަޓަން ހިޔާރު ކޮށްގެންނެވެ. މި ހިދުމަތުގެ ފައިސާ ކަސްޓަމަރުންގެ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް ވެސް އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.