މިހާރު ހުއްޓާލާފައިވާ ދިޓީވީގެ ސީއީއޯ އަދި ނިއުސްހެޑް މިދުހަތު އާދަމަށް ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ މަގާމު ދީފި އެވެ.

މިކަން ރައީސް އޮފީހުން ޔަގީންކޮށްދިން ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މިދުހަތުގެ މަގާމުގެ މަސްއޫލިއްޔަތެއް ސާފެއް ނުވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް ޗެނެލް ދިޓީވީ އާއި ދިއެފްއެމް ހުއްޓާލާފައިވަނީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގަ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ ދެ ކުންފުނިން ހިންގާ ޗެނަލްތައް ހުއްޓާލަން ނިންމީ ތަނުގެ ވަސީލަތްތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށް ބުނެ އެވެ. އެ ދެ ތަން ހުއްޓާލުމާ އެކު، މުވައްޒަފުން ވެސް އެތަނުން ވަކިކުރި އެވެ.