މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެއީ 2024 ވަނަ އަހަރަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ކުރީގެ އަހަރު އެމްއެމްއޭއިން 998 މިލިއަން ޑޮލަރު ވިއްކިއިރު، 2023 ވަނަ އަހަރު 994 މިލިއަން ޑޮލަރު ވިއްކި އެވެ.
އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 60 ޕަސެންޓް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 651 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) އެވެ.
އެމްއެމްއޭ އިން ބުނީ، އެސްއޯއީތަކަށް ދޫކުރި ޑޮލަރުގެ ބޮޑުބައެއް ދީފައިވަނީ ތެލާއި އަސާސީ ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް އިކުއިޕްމެންޓާއި ކުންފުނިތަކުގެ ދަރަނި ދެއްކުމަށެވެ. އޭގެ ތެރެއިން 70 ޕަސެންޓް ބޭނުންކޮށްފައިވަނީ ތެޔޮ އެތެރެ ކުރުމަށެވެ. އެގޮތުން ތެޔޮ ގަތުމަށް އެމްއެމްއޭއިން ގާތްގަނޑަކަށް 460 މިލިއަން ޑޮލަރު އެސްޓީއޯއަށް ވިއްކާފައިވެ އެވެ.
މިދިޔަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް އެމްއެމްއޭ އިން ވަނީ 436 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެހެންވެ، ދަރަނި އަދާކުރުމަށާއި އެސްއޯއީތަކަށް ދޫކުރި އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ.
މިދިޔަ އަހަރު އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހަމަޖައްސައިދިނުމަށް ބޭންކްތަކަށް ދޫކުރީ 448 މިލިއަން ޑޮލަރެވެ. މިއީ 2024 ވަނަ އަހަރަށް ވުރެ 25 ޕަސެންޓް އިތުރު އަދަދެކެވެ.
ވިއްކާ ޑޮލަރުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދާއިރު، ޑޮލަރު ރިޒާވް ރަނގަޅު ކުރުމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ފޮރިން އެކްސްޗޭންޖްގެ ގާނޫނު ވުޖޫދަށް ގެނެސްފައިވެ އެވެ. އަދި އެމްއެމްއޭއިން ވަނީ އިންޑިއާގެ ކަރެންސީ ސްވޮޕް ވެސް މިދިޔަ އަހަރު ބޭނުންކޮށްފަ އެވެ.