މާލެ އާއި އައްޑޫގެ ކައުންސިލަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށާއި ސިޓީތަކުގެ މަގުތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި ކައުންސިލްތަކުން އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.

މެމްބަރު އަހުމަދު ދީދީ މިނިސްޓަރާ ކުރެއްވި ސުވާލުގައި އެއްސެވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ފެށޭނީ ކޮންއިރަކުތޯ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ލިންކް ރޯޑްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަައިވާ ކަމަށާއި އެ ކުންފުނިން ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށެވެ. ކައުންސިލްތަކަށް ފާޑުވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވުމަށް ފަހުގަ އެވެ.

"ދެން އަަޅުގަނޑު ހަމަ އެއާ އެކީ ދަންނަވާލަން ޖެހޭ، ތިޔަބޭފުޅުން ތިޔައީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް  ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން،" މުއްތަލިބު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލަށް ފާޑުވިދާޅުވުމަށް ފަހު މާލޭ ސިޓީކައުންސިލަށް ވެސް މިނިސްޓަރު ފާޑުވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވީމާ އެކަން ހައްލުކޮށްދޭން ވެސް ޖެހެނީ ދައުލަތުން ކަމަށް ވިދާޅުވެ، މާލޭ ސިޓީ ކައުންސިލަށް ދައުލަތުގެ ބަޖެޓުން ދޭ ބްލޮކް ގްރާންޓްގެ ފައިދާއަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ.

"މަގެއް ހަލާކުވީމާ މަގަކަށް ކަމެއް ވީމާ ވެސް ދައުލަތުން މި ޖެހެނީ އެކަން ކޮށްލައިދޭން. ކޮބައިތޯއޭ ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލަށް ދިނީމާ އޭގެ ފައިދާއެއް ކޮބައިތޯއޭ؟ ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ ރައްޔިތުންނާ ވާހަކަދައްކާ ބައެއްގެ ގޮތުގައި؟ ކޮންކަމެއްތޯއޭ ކުރަނީ؟" މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލި ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަސް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލި ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަސް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މާލޭގެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރަން ސަރުކާރުން ހިންގާ މަޝްރޫއަށް މާލޭ ސިޓީކައުންސިލުން އެއްބާރުލުން ނުދިން ކަމަށްް ވެސް އޭނާ ތުހުމަތުކުރެެއްވި އެވެ. މާލޭގެ އުތުރުފަރާތުން އެ މަގު ފުޅާކުރަން މަސައްކަތް ކުރި އިރު އެތަނުގައި ހުރި މާރުކޭޓެއް ނަގަން އެދި ކައުންސިލަށް އެތައް ސިޓީއެއް ފޮނުވި ނަމަވެސް އެކަން ނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މާކެޓް ނުނަގައިގެން އަޅުގަނޑުމެންނަށް އެ މަގު ނިންމިފައި އިނީ ޕޭވްމަންޓާ ނުލައި، ޕޭވްމަންޓާ ނުލައި މަގު ނިންމާފައި އެ އޮތީ،" މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ އުތުރުފަރާތުގައި މާރުކޭޓެއް އަޅަން ބަޔަކާ ހަވާލުކޮށް، އަމަލީ މަސަައްކަތް ފަށަންވެގެން ފޮނުވި ސިޓީއަށް ކައުންސިލުން ޖަވާބެއް ނުދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މާލެ އާއި އައްޑޫ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެ، މިނިސްޓަރު ވާހަކަދެއްކެވި އިރު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ދެ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ އިދިކޮޅު އެމްޑީޕީ އަށެވެ. އައްޑޫގައި މިހާރު އޮތް ކައުންސިލްގައި ވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ.