ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް، އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އައްޑޫގެ މޭޔަރާއި އެ ސިޓީގައި ހިމެނޭ ހަތަރު ރަށަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރި އެވެ. އެއީ؛

- ހިތަދޫ: ހަ ގޮނޑި

- މަރަދޫ: އެއް ގޮނޑި

- މަރަދޫ ފޭދޫ: އެއް ގޮނޑި

- ފޭދޫ: ދެ ގޮނޑި

ވަގުތީ ނަތީޖާތައް ދައްކާގޮތުން، އެ 11 ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.

އެންމެ ވާދަވެރިކޮށް ދިޔައީ ހިތަދޫ މޫލެކެޑެ ދާއިރާގަ އެވެ. އެ ގޮނޑިއަށް ޕީއެންސީން ވާދަ ކުރެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ސައީދު އަދި އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި އަހުމަދު ނަޒީރެވެ. އަދި ކުޑަ ތަފާތަކުން ނަޒީރު މިހާރު ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.

އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގިނަ ގޮނޑިތައް ވެސް އެމްޑީޕީން ވަނީ ހޯދައިފަ އެވެ.

އައްޑޫގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ހޯދިއިރު، އެހެން ސިޓީތަކުން ވެސް އިދިކޮޅު ޕާޓީ ވަނީ ކުރި ހޯދައިފަ އެވެ.