މިއީ ވިއްސާރަ ދުވަސްވަރެއް ކަމަށް ވުމުން އިންފްލުއެންޒާ އިތުރުވުން އެކަށީގެންވާ ކަމަށާއި ރޯގާގެ އަލާމާތްތައް ފެނިއްޖެ ނަމަ އެންމެ ރަނގަޅު ފިޔަވަޅަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެންގުން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މޫސާ ހުސައިން ވިދާޅުވީ، ރޯގާގެ އަލާމާތްތައް ފެންނަ ނަމަ އެންމެ ރަނގަޅީ އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅުމަށް ފަހު، އެތަނުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުން ކަމަށެވެ. މޭގައި ރޯގައި ހިފުން ފަދަ އަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް އެޗްޕީއޭ އަށް އަންގަން އޭނާ އިލްތިމާސްކުރެއްވި އެވެ.

"ކުރިން ވެސް ދަންނަވައިލި ފަދައިން ވަރަށް ގިނަ ވޯނިން ސައިންސްތަކެއް ވޭ. ރޯގާ ޖެހިގެން މޭގައި ހިފުން، އަރިދަފުސް ހިފުން މި އަށް ކިޔާނީ، އެހެން ނޫނީ މެއަށް ތަދުވެ، ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވެ ކެއްސާފައި ދަވަ ހެދި އެ ކަހަލަ ކަމެއް ވެއްޖެ ނަމަ ވަރަށް ރަނގަޅު ހެލްޕްލައިން އަށް ގުޅައިގެން އިރުޝާދު ނަގައިގެން ފެސިލިޓީއަކަށް ދާން،" ޑރ. މޫސަ ވިދާޅުވި އެވެ.

މިއަދުގެ ހަވީރު މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލެއް ނޯޓު ކުރައްވަނީ.
މިއަދުގެ ހަވީރު މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލެއް ނޯޓު ކުރައްވަނީ.

ރޯގާގެ އަލާމާތްތައް ފެނިއްޖެ ނަމަ، ކޮވިޑް-19 ކަން ކަށަވަރުވުމުގެ ކުރިން ވެސް ސޯޝަލް ޑިސްޓޭންސިން މުހިއްމު ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ. އަދި އަމިއްލަ އަށް އެކަހެރިވުމުގެ އިތުރުން އެ މީހަކު ދިމާވި މީހުންގެ ލިސްޓެއް އެކުލަވއިލަން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ. މިއީ، އެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަސޭހައިން ފުރިހަމަކުރުމަށްޓަކައި އެ މީހަކަށް އަމިއްލަ އަށް އެޅޭނެ ފިޔަވަޅެކެވެ.

"މީގެ ލިސްޓެއް ވެސް އަމިއްލައަށް ތައްޔާރު ކޮށްލާފައި ބޭއްވުން. އަޅުގަނޑުމެން ގުޅާލަންވާ އިރަށް އަޅުގަނޑުމެންނަށް އެ މައުލޫމާތު ދެވޭނެ ވަރަށް ފުރިހަމައަށް އޭރުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހޭ 80 ޕަސެންޓުގެ މީހުންނަށް، މި ބަލި ޖެހޭނީ އާދައިގެ ރޯގާއެއްގެ ގޮތުގަ އެވެ. ބަލީގެ އަލާމާތްތައް ގޯސްވެ، ނިއުމޯނިއާއަށް ބަދަލުވަނީ ގާތްގަނޑަކަށް 15 އާއި 20 ޕަސެންޓާ ދެމެދުގެ މީހުންނަށެވެ. ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަސް ޕަސެންޓުގެ މީހުންނަށް ފަރުވާދޭން ޖެހޭ އިރު ދެ ޕަސެންޓުގެ މީހުން މަރުވެ އެވެ.

މިދިޔަ ބުދަ ދުވަހު މި ބަލި މާލެެ އިން ފެނުމުން މާލެ ސަރަހައްދު މިހާރު ވަނީ މި މަހުގެ ނިޔަލަށް ލޮކްޑައުން ކޮށްފަ އެވެ. ރަށްރަށުން ވެސް މި ބަލި ފެންނަން ފެށުމުން، އެކި ރަށްރަށް މޮނިޓަރިންގެ ހާލަތަށް މިހާރު ވަނީ ގެނެސްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހދ. ކުޅުދުއްފުށި ވެސް ވަނީ ތިން ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ.

މުޅި ރާއްޖެއިން މިހާތަނަށް 84 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާ އިރު، މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 64 މީހުންނެވެ. އޭގެ ތެރޭގައި އުމުރުން 80 އަހަރުގެ ފިރިހެނެއް ވެސް ހިމެނެ އެވެ. މިއަދު ޕޮޒިޓިވްވި އެ މީހާގެ ހާލު ސީރިއަސް ވުމުން މިހާރު ފަރުވާދެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓުގަ އެވެ.