ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނާއުތު އާއި ރިތިކް ރޯޝަން.
13 އެޕްރީލް 2022 - 07:06
މީގެ ހަތް އަހަރު ވަރު ކުރިން، ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތާއި ރިތިކް ރޯޝަން ވަރަށް ލޯބިން އުޅުނު ނަމަވެސް އެމީހުންގެ ގުޅުން ނިމުމަކަށް ގެންނަން ޖެހުނީ، ދެމީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން ބާއްވައިގެންނެވެ. އެ ވާހަކަތައް ރިތިކް އެވަރަކަށް ވެސް މީޑިއާގައި ތިލަ ނުކުރިޔަސް ކަންގަނާ ހުންނަނީ ރިތިކަށް "ބެހިލާނެ" ފުރުސަތެއް ނުލިބިފަ އެވެ.
ކަންގަނާ ހުށަހަޅާ، "ލޮކްއަޕް" ގައި މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ އަނެއްކާ ވެސް ރިތިކާ ގުޅުވައިގެން ވާހަކައެއް ދައްކައިފަ އެވެ. ރިތިކްގެ ނަން ބޭނުން ނުކުރިޔަސް، ކަންގަނާ ބުނީ އެއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު "ސްކޭންޑަލް" އަށް ވި ކަމަށެވެ.
އަނެއްކާ ވެސް ކަންގަނާ އެ ވާހަކަ ދެއްކީ، އެ ޝޯގެ ބައިވެރިއެއް ކަމަށްވާ، މުނައްވަރު ފާރުގީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އޭގެ ހަގީގަތަކީ ކޮބާތޯ ސުވާލުކުރުމަށް ފަހު އެވެ. އެ ފޮޓޯއަކީ މުނައްވަރު ވަރަށް ކުރިން މީހަކާ އިނދެގެން އެމީހާ އާއި އެމީހުންގެ ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯ ދެއްކުމުގެ ކުރިން ޝޯގެ އެއްވެސް ބައިވެރިއަކަށް މުނައްވަރު މީހަކާ އިން ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު އެއީ އޭނާ ކަމަށް އެއްބަސްވިޔަސް، ޓީވީގައި އެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެެވެ.
މުނައްވަރު ވަނީ ޝޯގެ ތެރެއިން އެހެން އަންހެން ކުއްޖަކާ ހިތާވެފަ އެވެ.
އެއާ އެކު ކަންގަނާ ބުނީ ކޮންމެ އަންހެނަކު ވެސް މީހަކާ އިނދެގެން އުޅޭ ފިރިހެނެއްގެ ލޯބީގައި ޖެހިފައިވާ ކަމަށެވެ. އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން ކަންގަނާ ބުނީ އެގޮތަށް މީހުންނާ އިނދެގެން އުޅޭ މީހުންނާ ހިތާވަނީ އެމީހުން މާ އަންޑަސްޓޭންޑިން ވީމަ ކަމަށެވެ. އަދި އެކަހަލަ ފިރިހެނުންގެ ސްޓޯރީއަަކަށް ވަނީ "ޓްރެޕް" ވުން ކަމަށާއި އަނބިމީހާ އާއި ލޯބިވެރިޔާ އަށް ވެސް ކިޔައިދެނީ އެއް ކަހަލަ ވާހަކަތަކެއް ކަމަށެވެ.
އެ ވާހަކަ ދައްކަން ފެށުމުން މުނައްވަރު ވަނީ އެކަން ވެއެގޮތަށް ނޫން ކަމަށް ބުނެފަ އެވެ. އަދި ކަންގަނާ ވަނީ އެ ވާހަކަ އޭނާ ނިސްބަތްކުރަނީ މުނައްވަރަށް ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ހަޔާތުގެ ވާހަކައެއް ކަމަށް ބުނެފަ އެވެ. އަދި ގިނަ އަންހެން ކުދިންނާ ވެސް އެ ވާހަކަ ގުޅޭނެ ކަމަށާއި އޭނާ އަށް ވެސް ދިމާވީ އެކަހަލަ ގޮތެއް ކަމަށެވެ.
"ހަގު އަންހެން ކުދިންނަށް ހީވަނީ އެމީހުންނަށޭ ފިރިހެން މީހާގެ އަންހެނުން ކައިރިން ސަލާމަތްކުރެވޭނީ. އެކަަމަކު އަނބިމީހާގެ ވާހަކަ އަޑު އަަހައިފިއްޔާ މީހާ ކޮސްވެގެން ގޮސް ކަންފަތުން ލޭ އަންނަވަރުވާނެ."
ކައިވެންޏަށް ދެ ދަރިން ލިބިފައި ވަނިކޮށް ރިތިކާއި ސުޒޭން ހާންގެ ކައިވެނި ރޫޅުނީ 2013 ގަ އެވެ. މީޑިއާތަކުން އޭރު ބުނި ގޮތުގައި ކައިވެނި ރޫޅެން ދިމާވީ ރިތިކް ކުޅުނު ފިލްމު "ކައިޓްސް" ގެ މެކްސިކޯގެ ބަތަލާ ބާބަރާ މޯރީ އާއި ރިތިކްގެ ލޯބީގެ ކުޅިގަނޑު ފަޅާއަރައި، އެ މައްސަލަ ގޯހުން ގޯހަށް ގޮސްގެންނެވެ.
"ކައިޓްސް" ގެ ކާސްޓުންގެ ތެރޭގައި ކަންގަނާ ވެސް ހިމެނެ އެވެ. އަދި އޭނާ ވަނީ ރިތިކްއާ އެކު 2013 ގެ "ކްރިޝް 3" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ކަންގަނާ ބުނި ގޮތުގައި ރިތިކް އޭނާއާ ލޯބީގެ ގުޅުމެއް ބާއްވަން ފެށީ އެ ފިލްމުތަކުގެ މަސައްކަތް ކުރި ދުވަސްވަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy