ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުއާ ދެމެދު އުފެދުނު މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި "ވީ ނީޑް ޓު އެޕޮލޮޖައިޒް ޓު ރިތިކް ރޯޝަން" ނުވަތަ "ރިތިކްގެ ފަރާތުން މާފަށް އެދެން ޖެހޭ" ކަމަށް ބުނާ ޓްރެންޑެއް އުފެދިއްޖެ އެވެ.
މި ޓްރެންޑު ސޯޝަލް މީޑިއާގައި ފެށުނީ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދަރިވަރުންގެ މުޒާހަރާ އާއި ޖެން-ޒީ ޒުވާނުންނަށް ފާޑުކިޔައި، އެ މީހުންނަކީ "ޖެނެރޭޝަން ގަޓާ" ކަމަށް ކަންގަނާ ބުނުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެވުނު ބަހުސްތަކާ އެކުގަ އެވެ.
އެ ބަހުސްތަކުގެ ތެރެއިން ސީޖޭޕީގެ ތަރުޖަމާން ސައުރަވް ދާސްގެ ތައުލީމާއި އޭނާގެ ގާބިލުކަމާ މެދު ކަންގަނާ ސުވާލު އުފެއްދުމުން، ސައުރަވް ވަނީ ކަންގަނާއަށް ރައްދު ދީފަ އެވެ. ސައުރަވް ބުނެފައި ވަނީ ރިތިކް ޒުވާން ދުވަސްވަރު ހުރިގޮތާ އޭނާ ވައްތަރު ކަމަށް ރައްޓެހިން ބުނާ ކަމަށާއި ކަންގަނާ އޭނާއާ ދިމާކޮށްލައިގެން އުޅެނީ އެހެންވެ ކަމަށް ވެދާނެ ކަމަށެވެ.
އެއާ އެކު، ސޯޝަލް މީޑިއާގައި "ވީ ނީޑް ޓު އެޕޮލޮޖައިޒް ޓު ރިތިކް ރޯޝަން"ގެ ނަމުގައި ޓްރެންޑެއް އުފެދުނެވެ.
އިންސްޓަގްރާމްގެ އިންފްލުއެންސަރު ފްރެޑީ ބާޑީ "ރިތިކް ރޯޝަންގެ ފަރާތުން އެންމެން މާފަށް އެދެން ޖެހޭ" ކަމަށް ބުނެ ކުރި ޕޯސްޓަކަށް ރިތިކް ވަނީ ކޮމެންޓު ވެސް ކޮށްފަ އެވެ.
"މަގޭ ރަހުމަތްތެރިޔާ، މީހަކު ދެކެ ރުޅިއަންނާތީ އަނެކަކުގެ ފަޅިއަށް އެރުމަކީ އަހަރެމެންގެ މުޖުތަމައުގައި އޮތް ބޮޑު އިޖުތިމާއީ މައްސަލައެއްގެ ކުޑަ މިންވަރެއް. އަހަރެން އިންތިޒާރު ކުރާނީ، ތެދު މައުލޫމާތާއި ހަގީގަތުގެ މައްޗަށް ބިނާވެގެން ރަނގަޅު މާހައުލެއްގައި އެކަން އަންނާނެ ދުވަހަކަށް. އިންސާފުވެރި ގޮތަކަށް ވާނީ އޭރުން. ނަމަވެސް، މިހާރު އެފަދަ ކަންކަމާ އަޅާލަނީ ވެސް ކާކު ހެއްޔެވެ؟،" ރިތިކްގެ ކޮމެންޓުގައި ލިޔެފައިވެ އެވެ.
މި ޓްރެންޑަކީ 2016 ވަނަ އަހަރު ރިތިކް އާއި ކަންގަނާއާ ދެމެދު ހިނގި ގާނޫނީ ބޮޑު މައްސަލައަށް އިޝާރާތްކޮށް ހިންގާ ޓްރެންޑެކެވެ. އެ އަހަރު ކަންގަނާ ދިން އިންޓަވިއުއެއްގައި ރިތިކް އަކީ އޭނާގެ "ސިލީ އެކްސް" ނުވަތަ ކުރީގެ ލޯބިވެރިޔާ ކަމަށް އިޝާރާތް ކުރުމުން، ރިތިކް ވަނީ އެކަން ދޮގުކޮށް ކަންގަނާގެ މައްޗަށް ގާނޫނީ ނޯޓިސް ފޮނުވައި އާންމުކޮށް މާފަށް އެދުމަށް އެދިފަ އެވެ. ނަމަވެސް، ކަންގަނާ މާފަށް އެދުމަށް އިންކާރުކޮށް ރައްދު ނޯޓިސްއެއް ފޮނުވި އެވެ.
ކަންގަނާ ބުނި ގޮތުގައި، އެ ދެމީހުންގެ މެދުގައި ސިއްރު ލޯބީގެ ގުޅުމެއް އޮތެވެ. ނަމަވެސް، ރިތިކް ވަނީ އެކަން މުޅިން ދޮގުކޮށް، އެފަދަ އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި ކަންގަނާ ވާހަކަ ދައްކައިގެން އުޅުނީ އޭނާގެ ނަމުގައި ފޭކް އީ-މެއިލްއެއް ބޭނުންކުރި އެހެން މީހަކާ ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ގާނޫނީ ބޮޑު ހަނގުރާމައަކަށް ބަދަލުވެ، އެ ދެމީހުން އެކަކުއަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް، ފުލުހުންގެ ތަހުގީގަށް ފަހު އެކަށީގެންވާ ހެކި ނުފެނުމުން އެ މައްސަލަ ފައިލްކުރީ އެވެ.