ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންނަގާ ރަނާވަތު އިންޑިއާގެ ޖެން-ޒީ ޒުވާނުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ)ގެ ތަރުޖަމާން ސައުރަވް ދާސްއާ ދެމެދު ބަހުގެ ގިނަ ހަމަލާތަކެއް އަނެއްކާވެސް ހިނގައިފި އެވެ.
އިންޑިއާގެ ނޫސްވެރިޔާ ބަރްކާ ދަތުގެ "މޯޖޯ ސްޓޯރީ"އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ސައުރަވް ބުނީ ކަންގަނާ އޭނާއާ ޒާތީގޮތުން ޖައްސާލައި ބަހުގެ ހަމަލާތައް ދޭން ފެށުމުން ރައްޓެހިން އޭނާއާ ސުވާލުކުރި ކަމަށެވެ.
"އަހަރެންގެ ރައްޓެހިން މެސެޖުކޮށްފައި އަހަނީ 'އެ ކަންގަނާ ކީއްވެގެންހޭ ކަލޭގެ ފަހަތުން ނެއްޓެން ނޭނގިގެން އެ އުޅެނީ؟' އެއިން އެކަކު ބުނެފި އަހަރެން ވައްތަރީ ރިތިކް ރޯޝަން ޒުވާން ދުވަސްވަރު ހުރި ގޮތާއޭ. މިއީ އަހަރެންގެ ރައްޓެހިން ބުނި ވާހަކައެއް. އަހަރެން ވެސް ހުރީ ވަރަށް ހައިރާންވެ، ހެވިފައި. ކަންގަނާ ކަހަލަ މީހަކު އަހަރެން ކަހަލަ މީހަކަށް ބަހުގެ ހަމަލާދޭންވީ ކީއްވެ؟،" ސައުރަވް ބުންޏެވެ.
ރިތިކް އާއި ކަންގަނާއާ މެދުގައި ބޮޑު މައްސަލައެއް އުފެދުނީ 2016 ވަނަ އަހަރު ކަންގަނާ ދިން އިންޓަވިއުއެއްގައި ރިތިކްއަކީ އޭނާގެ "ސިލީ އެކްސް" ނުވަތަ ކުރީގެ ލޯބިވެރިޔާ ކަމަށް ބުނުމުންނެވެ.
ކަންގަނާ ބުނި ގޮތުގައި، އެ ދެމީހުންގެ މެދުގައި ސިއްރު ލޯބީގެ ގުޅުމެއް އޮތެވެ. ނަމަވެސް، ރިތިކް ވަނީ އެކަން މުޅިން ދޮގުކޮށް، އެފަދަ އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި ކަންގަނާ ވާހަކަ ދައްކައިގެން އުޅުނީ އޭނާގެ ނަމުގައި ފޭކް އީ-މެއިލްއެއް ބޭނުންކުރި އެހެން މީހަކާ ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ގާނޫނީ ބޮޑު ހަނގުރާމައަކަށް ބަދަލުވެ، އެ ދެމީހުން އެކަކުއަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް، ފުލުހުންގެ ތަހުގީގަށް ފަހު އެކަށީގެންވާ ހެކި ނުފެނުމުން އެ މައްސަލަ ފައިލްކުރީ އެވެ.
ސައުރަވް އާއި ކަންގަނާއާ ދެމެދުގައި ބަހުގެ ހަމަލާތައް ފެށުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި ދަރިވަރުން ކުރި މުޒާހަރާތަކުގެ ވީޑިއޯތަކާއި ރީލްސްތަކާ ގުޅިގެން ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުންނެވެ. ކަންގަނާ ވަނީ މުޒާހަރާގެ ބައިވެރިން ބޭނުންކުރި ބަސްމަގަށް ފާޑުކިޔައި، އެއީ ފެނުމުން ވެސް މޭނުބައިކުރާ ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިންޑިއާގެ މެޑިކަލް އިމްތިހާނު (ނީޓް)ގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާ މަހެއްހާ ދުވަސް ފަހުން ނިންމާލީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދީ، ދަރިވަރުންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް ސަރުކާރުން އެއްބަސްވުމުންނެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޕޭޕަރުތައް ލީކުވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.