ޖެން-ޒީންްނަކީ "މުޑުދާރު" ބައެއް ކަމަށް ސިފަކޮށް ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު ދެއްކި ވާހަކަތަކަށް ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ)ގެ ތަރުޖަމާނު ސައުރަވް ދާސް ވަރުގަދަ ރައްދެއް އިއްޔެ ދީފަ އެވެ.
ސައުރަވް ބައެއް މީޑިއާތަކަށް އިއްޔެ ދިން އިންޓަވިއުތަކުގައި ބުނީ ކަންގަނާ ދައްކާ ވާހަކަތަށް އޭނާގެ އަމިއްލަ ޕާޓީ ކަމަށްވާ ބީޖޭޕީގެ މެމްބަރުން ވެސް ސަމާލުކަމެއް ނުދޭ ކަމަށާއި އޭނާ ދައްކާ ވާހަކަތައް ސީރިއަސްކޮށް ވެސް ނުނަގާ ކަމަށެވެ. އެހެންވެ، ޖެން-ޒީ ނުވަތަ ޖެން-އަލްފާގެ އެއްވެސް ޒުވާނަކު ކަންގަނާގެ ވާހަކަތައް ގަބޫލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސައުރަވް ބުންޏެވެ.
ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ވާހަކަދައްކާއިރު ބަސްމަގު ހިފަހައްޓަވައި، މަގާމުގެ ކަރާމާތް ދެމެހެއްޓެވުމަކީ މުހިންމު ކަމެއް ކަމަށް ސައުރަވް ބުންޏެވެ.
ސައުރަވް ބުނީ އިންޑިއާގެ ޑިމޮކްރަސީގެ ނިޒާމަށް އޮތް އިތުބާރު އާކުރުމަށް ޖެން-ޒީ ޒުވާނުން ކުރި މަސައްކަތް، ކަންގަނާ މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ވުރެ މާ ބޮޑު ކަމަށެވެ. އަދި ކަންގަނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއިރު، "މާ ގިނައިން މަސައްކަތް ކުރަން ޖެހޭ" ކަމަށް ބުނެ ކުރިން ދެއްކި ވާހަކަތަކުން، ސިޔާސީ މަސައްކަތުގައި އޭނާ ސީރިއަސް ނޫންކަން ހާމަވެފައިވާ ކަމަށް ވެސް ސައުރަވް ބުންޏެވެ.
މި މައްސަލަ ހޫނުވީ، ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި ދަރިވަރުން ކުރި މުޒާހަރާތަކުގެ ވީޑިއޯތަކާއި ރީލްސްތަކާ ގުޅިގެން ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓްތަކެއްގެ ސަބަބުންނެވެ. ކަންގަނާ ވަނީ މުޒާހަރާގެ ބައިވެރިން ބޭނުންކުރި ބަސްމަގަށް ފާޑުކިޔައި، އެއީ ފެނުމުން ވެސް މޭނުބައިކުރާ ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ސައުރަވްގެ ރައްދަށް ފަހު، ކަންގަނާ ވަނީ ސައުރަވްއަކީ "ވަޒީފާއެއް ނެތް، ބޭނުމެއް ނެތް މީހެއް" ކަމަށް ބުނެ އޭނާގެ އުމުރާއި ސިޔާސީ ތަޖުރިބާއަށް އިޝާރާތްކޮށް އަލުން ރައްދުދީ، މަލާމާތްކޮށްފަ އެވެ.
އިންޑިއާގެ މެޑިކަލް އިމްތިހާނު (ނީޓް)ގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާ މަހެއްހާ ދުވަސް ފަހުން ނިންމާލީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދީ، ދަރިވަރުންގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް ސަރުކާރުން އެއްބަސްވުމުންނެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޕޭޕަރުތައް ލީކުވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.