ރިއާ.
03 ޖޫން 2022 - 09:54
ބޮލީވުޑްގެ އެކްޓަރު ސުޝާން ސިންގް ރާޖުޕުތުގެ މަރުގެ މަރުގެ މައްސަލައާ އެކު ފެންމަތިވި ޑްރަގުގެ މައްސަލައިގައި ތުހުމަތުކުރެވޭ އޭނާގެ ލޯބިވެރިޔާ އަދި ބަަތަލާ ރިއާ ޗަކްރަބަތީއަށް އިންޑިއާ އިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދީފި އެވެ.
ސުޝާންތު 2020 ގައި މަރުވި މައްސަލައާ ގުޅިގެން ރިއާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފަހުން ހައްޔަރު ވެސް ކުރި އެވެ. ރިއާ ސުޝާންތަށް މަސްތުވާތަކެތި ދިން ކަމަށާއި މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކާ ރިއާއާ ގުޅުން އޮންނަ ކަމުގެ ތުހުމަތެއް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ދިޔައީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލާގައި ފަހުން ކަފާލާތުގެ ދަށުން ރިއާ މިނިވަންކުރިޔަސް އިންޑިއާ އިން ބޭރަށް ދަތުރުކުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އެކަމަކު މުމްބާއީގެ ކޯޓުން ވަނީ އަބޫ ދާބީގައި އޮންނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ (އައިފާ) އެވޯޑް ހަފްލާގައި ބައިވެރިވުމަށް އެ ގައުމަށް ދިއުމުގެ ހުއްދައަށް ރިއާ އެދުމުން އެ ފުރުސަތު އޭނާއަށް ދީފަ އެވެ.
ކޯޓުން އޭނާއަށް ހުއްދަ ދީފައި ވަނީ ޖޫން 2-5 އަށް އެ ގައުމަށް ދަތުރުކުރުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރިއާ ކޯޓަށް ހުށަހެޅި މައްސަލައިގައި، ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ސަބަބުން އޭނާގެ ކެރިއަރަށް ވަރަށް ބޮޑަށް ގެއްލުންވެ މާލީ ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެކަހަލަ ފުރުސަތެއްގައި ބައިވެރިވުން މިވަގުތަށް ބަލާއިރު މުހިއްމު ކަމަށާއި އެ މައްސަލައިން ފިލައިގެން ދިއުމަކީ އޭނާގެ ވިސްނުން ނޫން ކަމަށް ބުނެފައިވެ އެވެ.
އައިފާ އެވޯޑަކީ ގިނަ އަދަދެއްގެ ތަރިންނާއި ފިލްމު އުފެއްދުންތެރިން ވެސް ބައިވެރިވާނެ ހަފްލާއެކެވެ. މިއީ ކަފާލާތުގެ ދަށުން މިނިވަންވި ފަހުން ރިއާ މިހަލަ ގޮތަކަށް އިންޑަސްޓްރީގެ ގިނަ ބަޔަކާ ބައްދަލުވާނެ ފުރަތަމަ ހަފްލާ އެެވެ.
ސުޝާންތުގެ މަރާ އެކު މައްސަލަގަނޑު ވަރަށް ބޮޑުވި އެވެ. އޭރު ސުޝާންތަށް ރިއާ ޗީޓްކުރި ކަމާއި އެ ގެއިން ވައްކަން ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ އަޑުތައް ގަދަވިތަނާހެން ޑްރަގުގެ މައްސަލައެއްގައި ރިއާ ބެދުނުއިރު ރިއާ އާއި އޭނާގެ ބޭބެ ޝޯވިކް ވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އެވެ. މަސް ދުވަހު ޖަލުގައި ހޭދަކުރި ފަހުން އެމީހުން ކަފާލާތުގެ ދަށުން ދޫކުރީ މުމްބާއީގެ ހައި ކޯޓުންނެެވެ.
އޭގެ ފަހުން ރިއާ ވެސް ވަރަށް ބޮޑަށް މީޑިއާއަށް ދުރުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިފަހުން ރިއާއަށް ވަނީ ފިލްމުތަކާއި ވެބް ސީރީޒްތަކުގައި މަސައްކަތްކުރަން ވެސް ބައެއް ޕްރޮޑިއުސަރުން ހުށަހަޅައިފަ އެވެ. އެކަމަކު އަދި އެއްވެސް ފިލްމަކަށް އޭނާ ސޮއި ނުކުރާ ކަމަށްވެ އެވެ.
ރިއާ އެންމެ ފަހުން ފެނުނީ، 2021 ގައި ނެރުނު ފިލްމު، "ޗެހްރާ" އިންނެވެ. އެއީ އޭނާ ހައްޔަރުކުރުމުގެ ކުރިން މަސައްކަތްކޮށް ނިންމާލި ފިލްމެވެ. އޭގެ ފަހުން އަދި ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy