މީގެ ދެ އަހަރުކުރިން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތުގެ މަރާ އެކު ފެންމަތިވި ޑްރަގް މައްސަލައާ ގުޅިގެން އޭނާގެ ލޯބީވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށް ދައުވާކުރަން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ފޮނުވައިފި އެވެ.

ރިއާ އާއި އޭނާގެ ކޮއްކޮ ޝޯވިކްގެ އިތުރުން އެ މައްސަލާގައި ހިމެނޭ އިތުރު މީހުންނަށް ދައުވާކޮށްދޭން އެންސީބީން ވަނީ މުމްބާއީގެ ހާއްސަ ކޯޓުގައި އެދިފަ އެވެ.

ރިއާގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ރިއާ ސުޝާންތަށް މަސްތުވާތަކެތި ދިން ކަމަށާއި މަސްތުވާތަކެތި ޓްރެފިކްކުރާ ބަޔަކާ ރިއާއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އެންސީބީން މައްސަލަ ތަހުގީގުކުރަމުން ދިޔަ ނަމަވެސް އޭނާގެ މައްޗަށް އުފުލީ ކޮން ދައުވާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ރިއާ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ކަފާލާތުގެ ދަށުން އޭނާ މި ވަގުތު ހުރީ ދޫކޮށްލައިފަ އެވެ.

ސުޝާންތު މަރުވީ ބާންޑްރާގައި އޭނާ އުޅެމުން އައި އެޕާޓްމަންޓްގައި ޖޫން 14، 2020 ގަ އެވެ.

ސުޝާންތު މަރުވުމުގައި ރިއާގެ އަތެއްވާ ކަމަށް ބުނެ އޭނާގެ ބޮލުގައި ގިނަ ތުހުމަތުތަކެއް އެޅުވި އެވެ. އެކަމަކު ޕޯސްޓްމޯޓަމް ރިޕޯޓަށް ރިއާޔަތްކޮށް ކަމާ ބެހޭ އިދާރާތަކުން ނިންމީ އޭނާ މަރުވީ އަމިއްލަ އަށް ކަމަށެވެ.

ރިއާ އެންމެ ފަހުން ފެނުނީ، 2021 ގައި ނެރުނު ފިލްމު "ޗެހްރާ" އިންނެވެ. އެއީ އޭނާ ހައްޔަރުކުރުމުގެ ކުރިން މަސައްކަތް ނިިމިފައި އޮތް ފިލްމެކެވެ. އޭގެ ފަހުން އޭނާ އަދި ފިލްމެއްގައި މަސައްކަތް ނުކުރެ އެވެ.

ރިއާ ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަގަނޑާ ހުރެ އޭނާގެ ފިލްމީ ކެރިއަރަށް ދަނީ ވަރަށް ބޮޑު ގެއްލުމެއް ލިބެމުންނެވެ.