އެރޮން ކާޓާ
06 ނޮވެމްބަރ 2022 - 08:50
ކުރީގެ މަޝްހޫރު ބޭންޑް ބެކްސްޓްރީޓް ބޯއީސްގެ މެންބަރު ނިކް ކާޓާގެ ކޮއްކޮއެއް ކަމަށްވާ، ޕޮޕް ލަވަކިޔުންތެރިޔާ އެރޮން ކާޓާ އުމުރުން 34 އަހަރުގައި މަރުވެއްޖެ އެވެ.
އެމެރިކާގެ ލޮސް އެންޖެލިސްގެ ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ ސީއެންއެން އިން ބުނީ ކާޓާ މަރުވެފައި އޮއްވައި ފެނުނީ ހޮނިހިރު ދުވަހު ހެނދުނު، ގޭގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ގޮސް ބެލި އިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކާޓާ މަރުވެފައި އޮތީ ބާތު ޓަބް ތެރޭގަ އެވެ. މަރުގެ ސަބަބާ ބެހޭ ގޮތުން ފުލުހުން އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ވަރަށް ކުޑައިރު ޕޮޕް ލަވަތަކުން މަޝްހޫރުކަން ހޯދި ކާޓާ މި ފަހުން ދިވެހިންގެ ތެރޭގައި ބޮޑަށް އެނގިގެން ދިޔައީ ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގުގެ ކުރެހުމެއް އޭނާގެ ހުއްދަ ނެތި، ކާޓާގެ އަމިއްލަ އުފެއްދުމުގެ ގޮތުގައި ބޭނުންކުރި މައްސަލައިގަ އެވެ.
ސިންގާއެއްގެ މޫނު ސިފަކޮށްދޭ ގޮތަށް ޝިމްހާގު ކުރަހާފައިވާ ޑިޖިޓަލް ކުރެހުން އޭނާގެ ފޭސްބުކް ޕޭޖް، ޑިޖިޓަލް ކެމިސްޓް އާޓްސް އަށް ލާފައި ވަނިކޮށް އެރޮން އެ ކުރެހުން ނަގައި ބޭނުންކުރީ ސެޕްޓެމްބަރު، 2019 ގަ އެވެ. އަދި އެ މައްސަލަ ހޫނުވެ، އެރޮންއާ ދެކޮޅަށް އޮންލައިން ކެމްޕޭނެއް ޝިމްހާގު ހިންގަން ފެށުމުން އެރޮން ވަނީ އޭނާގެ އިންސްޓަގްރާމުން ކުރެހުން ޑިލީޓްކޮށްލައިފަ އެވެ.
މި ކުރެހުމުގެ މައްސަލާގައި ދައުވާކޮށް ދެ އަހަރު ދުވަސް ވަންދެން ކުރި މަސައްކަތުން ވަނީ މާލީ ބަދަލު ހޯދުމުގެ ދައުވާ އެމެރިކާގެ ނިއު ޔޯކްގެ ކޯޓެއްގައި މިދިޔަ އޭޕްރީލް މަހު ޝިމްހާގަށް ކާމިޔާބުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2022
06 November 2022
ތި ސޮރު ބަލާބެލުމަށް ހަމަހެން ހީނުވޭ.... ބޮއިހަލަކި
ހެޔޮ މަށަށް
06 November 2022
ދެން މަށަށް ކީއްތަ؟
ބީ.އެސް.ބީ
06 November 2022
«ކުރީގެ މަޝްހޫރު ބޭންޑް ބެކްސްޓްރީޓް ބޯއީސް» އެއްނޫން. މިހާރުވެސް މަޝްހޫރު.
ނޯޓުބުލީއިން
06 November 2022
ދިވެހިންގެ ބުލީގެ ޝިކާރައަށްވެ އެކަމާ ކެތް ނުކުރެވުނީ. މައްޔިތާގެ ފާފަ ފުއްސަވާ ތޯ އެދި ދުއާކުރަން،
ދގދސެފ×
06 November 2022
ލަވަކިޔުންޔެރިން، ފިލްމުކުޅޭމީހުން ބާތުޓަބަށް ވަނުން މަނާކުރަންޖެހޭ. އެތަން އެމީހުންގެ މަރާ މާ ދޯޅީ.