އެޗްބީއޯގެ އާ ސީރީޒް، ވީޑީއޯގޭމް އެޑަޕްޓޭޝަން، "ދަ ލާސްޓް އޮފް އަސް" ގެ ލީޑު ރޯލުން ފެންނަ ޕެޑްރޯ ޕަސްކަލް އަކީ ހޮލީވުޑްގެ ނަން މަޝްހޫރު ގިނަ ސީރީޒްތަކަކުން ފެނިފައިވާ ހުނަރުވެރި އެކްޓަރެކެވެ.
ޓީވީ ޝޯތަކާއި ފިލްމުތަކުގެ އެންމެ ސީދާ އަދި ރަނގަޅު ރިވިއުތައް ގެނެސްދޭ، އިތުބާރުހިފޭ މަގްބޫލް ވެބްސައިޓް "ރޮޓެން ޓޮމާޓޯސް" ގެ ރޭޓިން، 89 ޕަސެންޓަށް ވުރެ ދަށުން މިހާތަނަށް ޕެޑްރޯ ކުޅުނު އެއްވެސް ސީރީޒަކުން ނުލިބެ އެވެ.
އެ ވެބްސައިޓުގައި ފިލްމުތަކުގެ އެވްރެޖް ރޭޓިން ގެނެސްދީފައި ވަނީ ގިނަ އަދަދެއްގެ ފިލްމު ކްރިޓިކްސް އަދި ގިނަ ބެލުންތެރިން ރޭޓުކުރާ ވަރާއި ހިޔާލަށް ބަލައިގެންނެވެ. އޭގައި ދަށް ރޭޓިން ލިބޭ ޝޯތައް ރީއްޗެއް ނޫނެވެ. މީގައި މަތީ ރޭޓިން އެއް ލިބޭނީ ވަރަށް ރީތި ޝޯތަކަށެވެ.
ޕެޑްރޯގެ އެންމެ ފަހު ޝޯ "ލާސްޓް އޮފް އަސް" ގެ އަދި ނުކުތީ އެންމެ އެޕިސޯޑެކެވެ. އެ އެޕިސޯޑަށް ރޮޓެން ޓޮމާޓޯސްގެ 99 ޕަސެންޓު ރޭޓީން ވަނީ ލިބިފަ އެވެ.
އޭގެ އިތުރުން، ޕެޑްރޯ ޓައިޓްލް ކެރެކްޓާގެ ރޯލުން ފެންނަ، ދެ ސީޒަންގެ "ދަ މަންޑެލޯރިއަން" ސީރީޒަށް ވަނީ 93 ޕަސެންޓު ރޭޓިން ލިބިފަ އެވެ.
ކޮލަމްބިއާގެ ކުރީގެ ޑްރަގް ޑީލަރު، ޕަބްލޯ އެސްކޮބާގެ ހަޔާތުގެ މައްޗަށް ބިނާކުރި ސީރީޒް "ނާކޮސް" ގައި ވެސް ޕެޑްރޯ މައިގަނޑު ރޯލަކުން ފެނެ އެވެ. "ނާކޮސް" ގެ ރޭޓިން އެ ވެބްސައިޓުގައި އުޅެނީ 89 ޕަސެންޓުގަ އެވެ. އަދި އޭނާ ކުޑަ ރޯލަކުން ފެންނަ ގޭމްސް އޮފް ތްރޯންސްގެ ރޭޓިން ވެސް އުޅެނީ ހަމަ އެވަރަށެވެ.
ޕެޑްރޯގެ އެންމެ ފަހު ރޯލް، "ލާސްޓް އޮފް އަސް" ގެ ލީޑް ކެރެކްޓަ "ޖޮއެލް" ގެ ރޯލުގައި އޭނާ ދައްކަމުން އަންނަ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި ބައެއް މީހުން ވަނީ އޭނާ އަށް އެމީ އެވޯޑް ހައްގުކަމަށް ބުނަމުންނެވެ.