ނެޓްފްލިކްސްގައި 2019 ވަނަ އަހަރު ބޮޑު މަގްބޫލުކަމެއް ހޯދި އެޑަމް ސޭންޑްލާ އަދި ޖެނިފާ އެނިސްޓަން ލީޑުން ފެންނަ ފިލްމް "މާޑަ މިސްޓްރީ" ގެ ދެވަނަ ބައިގެ ޓްރެއިލާ ނެޓްފްލިކްސް އިން ދައްކާލައިފި އެވެ.
"މާޑާ މިސްޓްރީ 2" ގައި އޯޑްރީ ސްޕިޓްޒް (ޖެނިފާ) އަދި ނިކް ސްޕިޓްޒް (އެޑަމް) ޕްރައިވެޓް އިންވެސްޓިގޭޓިވް އޭޖެންސީއެއް ހިންގަނިކޮށް، އެ ދެމީހުންގެ ރައްޓެއްސެއްކަމަށްވާ މަހަރާޖް، އޭނާގެ ކައިވެނީގައި ކިޑްނެޕް ކުރާކަން ޓްރެއިލާއިން އެނގެ އެވެ. އެ ހިސާބުން، ފުލްޓައިމްކޮށް ޑިޓެކްޓިވުންގެ ގޮތުގައި ހަރަކާތް ތެރިވާ އެ ދެމީހުން، ބައިނަލްއަގްވާމި "އެބްޑަކްޝަން" އެއްގެ ތެރެއަށް ވަދެ މަހަރާޖް ސަލާމަތްކުރަން ރާވަ އެވެ.
ޖޭމްސް ވޯންޑަބިލްޓް ލިޔެ، ޖެރެމީ ގެއާލިކް ޑައިރެކްޓުކޮށްފައިވާ "މާޑާ މިސްޓްރީ 2" ނެޓްފްލިކްސްގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.
"މާޑާ މިސްޓްރީ" ގެ ފުރަތަމަ ބައިގައި އޯޑްރީ އާއި ފުލުސް އޮފިސަރެއްގެ މަގާމުގައި އޭރު ހުރި ނިކްގެ ކައިވެނި "ރިފްރެޝް" ކޮށްލަން ޔޫރަޕަށް ދާ ވެކޭޝަނެއްގައި، ބިލިއަނަރަކު މަރާލި ކަމުގެ ތުހުމަތު ކުރުމުން އެކަން ތަހުގީގު ކުރުމުގެ އެޑްވެންޗާ ފެނުނެވެ.
އޮރިޖިނަލް ފިލްމު، ފުރަތަމަ ތިން ދުވަސް ތެރޭ 30 މިލިއަން ސްޓްރީމް ލިބުނު އިރު، އެ ފިލްމަކީ 2019 ވަނަ އަހަރު ނިކުތް "ސްޓްރޭންޖާ ތިންގްސް 3" ނެގުމަށް ފަހު، އެންމެ މަގްބޫލް ނެޓްފްލިކްސް ރިލީޒެވެ.