ދާދި ފަހުން ސްޓްރީމްކުރި، ޖެނިފާ އެނިސްޓަނާއި އެޑަމް ސޭންޑްލާގެ ކޮމެޑީ މިސްޓްރީ ފިލްމު "މާޑާ މިސްޓްރީ" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

އެތަނުން ބުނީ ހޮލީވުޑްގެ އޭ ލިސްޓް ދެ ތަރިން ކަމަށްވާ އެނިސްޓަނާއި ސޭންޑްލާ ފުރަތަމަ ބައިގައި ކުޅުނު ކެރެކްޓާތަކުން ދެވަނަ ބައިން ވެސް އެނބުރި އަންނާނެ ކަމަށެވެ.

ޖޭމްސް ވެންޑަބިލްޓްގެ ސްކްރީންޕްލޭއަކަށް، ކައިލް ނެވަޝެކް ޑައިރެކްޓްކުރި "މާޑާ މިސްޓްރީ" ގައި ކިޔައިދެނީ ސުޕަ ޔޮޓެއްގައި ޔޫރަޕަށް ޗުއްޓީއަކަށްދާ ދެމަފިރިއަކު މަރުގެ މައްސަލަގަނޑެއްގެ ތެރޭގައި ތާށިވެ، އެކަމުން ސަލާމަތްވާން އެ މީހުން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ލޫކް އިވަންސް، ޖެމާ އާޓާޓަން، އަދީލް އަޚްތަރު އަދި ޓެރެންސް ސްޓޭމްޕް ހިމެނެ އެވެ.

"މާޑާ މިސްޓްރީ" އަކީ އެނިސްޓަނާއި ސޭންޑްލާ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިންގެ ޖޯޑު އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 2011 ގެ ރޮމޭންޓިކް ކޮމެޑީ "ޖަސްޓް ގޯ ވިތު އިޓް" އިންނެވެ.

ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި ޖޫން 14 ގައި ސްޓްރީމްކުރަން ފެށި "މާޑާ މިސްޓްރީ" ފުރަތަމަ 72 ގަޑިއިރުގެ ތެރޭގައި 31 މިލިއަން މީހުން ބަލާފައިވެ އެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ.