އެމްޖީއެމް ޕްލަސް އިން ގެނެސްދީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސައިންސް-ފިކްޝަން ހޮރޯ ސީރީޒް "ފްރޮމް" ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ. 

ނެޓްފްލިކްސް އިން އިއުލާންކުރި ގޮތުގައި، "ފްރޮމް"ގެ ފުރަތަމަ ތިން ސީޒަން ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ މި އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. މިއީ މި ސީރީޒް ނެޓްފްލިކްސް ކަހަލަ ބޮޑު ޕްލެޓްފޯމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

މި ސީރީޒްއަކީ، ނުކުމެގެން ދެވޭނެ މަގެއް ނެތް ނުރައްކާތެރި އަވަށެއްގައި ތާށިވެފައިވާ ބަޔަކު ސަލާމަތްވުމަށް ކުރާ މަސައްކަތާއި ރޭގަނޑު އެ އަވަށަށް ވެރިވާ ބިރުވެރި ބައެއްގެ ކިބައިން ސަލާމަތްވުމަށް ކުރާ މަސައްކަތްތައް ދައްކާ ސީރީޒެކެވެ.

މަޝްހޫރު ސީރީޒް "ލޮސްޓް"ގެ އެކްޓަރު ހެރޮލްޑް ޕެރިނޯ މުހިންމު ރޯލަކުން ފެންނަ މި ސީރީޒަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ތުރިލާ ސީރީޒެކެވެ.

ނެޓްފްލިކްސްއަށް ފުރަތަމަ ތިން ސީޒަން ގެނައި ނަމަވެސް، އެމްޖީއެމް ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސީޒަން 4 ނެޓްފްލިކްސްއަށް އަންނާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.