ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "އެމިލީ އިން ޕެރިސް"ގެ ހަވަނަ ސީޒަނާ އެކު އެ ސީރީޒް ނިންމާލަން ނިންމާފައިވާކަން ނެޓްފްލިކްސް އިން އިއްޔެ އިއުލާންކޮށްފި އެވެ.
މި ޚަބަރާ އެކު މި ސީރީޒްގެ ލީޑު ރޯލު ކުޅޭ ތަރި ލިލީ ކޮލިންސް ވަނީ ފޭނުންނަށް ވީޑިއޯ މެސެޖެއް ވެސް ފޮނުވައިފަ އެވެ.
އޭނާ ބުނީ ހަ އަހަރު ވަންދެން އެމިލީގެ ރޯލު ކުޅުމަށް ފަހު، ހަވަނަ ސީޒަނަކީ އެ ސީރީޒްގެ އެންމެ ފަހު ސީޒަން ކަމަށެވެ. އަދި ފަހު ސީޒަންގައި ބެލުންތެރިން އުއްމީދުކުރާ ހުރިހާ ކަމެއް ފެންނާނެ ކަމަށާއި ރީތި ގިނަ ހެދުންތަކެއް ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
މި ސީރީޒްގެ އުފެއްދުންތެރިޔާ ޑެރަން ސްޓާ ވެސް ވަނީ ސީރީޒްގެ ކާސްޓުންނަށާއި ނެޓްފްލިކްސް އަދި ޕެރަމައުންޓްގެ އިތުރުން ބެލުންތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. އޭނާ ބުނީ މި ސީރީޒްގެ މަސައްކަތަކީ އޭނާގެ ހަޔާތުގައި ވެސް ކުރެވުނު އެންމެ ހަނދާނީ ދަތުރު ކަމަށެވެ.
"އެމިލީ އިން ޕެރިސް"ގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2020 ގަ އެވެ. އެއަށް ފަހު މި ސީރީޒް ވެފައި ވަނީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކު ބަލާ އެއް ސީރީޒަށެވެ.
ސީރީޒްގެ ފަސްވަނަ ސީޒަން ނިމުނީ އެމިލީގެ ލޯބީގެ ހަޔާތާއި ވަޒީފާއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ހަވަނަ ސީޒަންގެ ޝޫޓިންގެ މަސައްކަތްތައް މިހާރު ވަނީ ގްރީސް އަދި މޮނާކޯގައި ފަށައިފަ އެވެ. އެހެންވެ، އެންމެ ފަހު ސީޒަނުގައި އެމިލީގެ ވާހަކަ ފްރާންސްގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުން ގެނެސްދޭނެ އެވެ.
ހަވަނަ ސީޒަން ސްޓްރީމް ކުރަން ފަށާނެ ވަކި ތާރީހެއް ނެޓްފްލިކްސް އިން އަދި އިއުލާނެއް ނުކުރެ އެވެ.