ނެޓްފްލިކްސްގެ ސައިންސް ފިކްޝަން ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ވާހަކައިގެ ކުރީގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ލައިވް-އެކްޝަން ޕްރީކުއެލް ސީރީޒް "އަދަ ވޯލްޑްސް: އަ ސްޓްރޭންޖާ ތިންގްސް އެޑްވެންޗާ" 2028 ވަނަ އަހަރު ސްޓްރީމްކުރަން ފަށާނެކަން ނެޓްފްލިކްސް އިން އިއުލާންކޮށްފި އެވެ.
އެ ސީރީޒް ރަސްމީކޮށް އިއުލާންކޮށްފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ފާހަގަކުރާ "ސްޓްރޭންޖާ ތިންގްސް ޑޭ"އާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު އެވެ.
މި އާ ސީރީޒްގެ ހާދިސާތައް ހިނގަނީ 1955 ވަނަ އަހަރު އެމެރިކާގެ ނެވާޑާގެ މެރިއަންގަ އެވެ. އެއީ އަސްލު ސީރީޒްގެ ހާދިސާތައް ފެށުނު އަހަރުތަކުގެ އެތައް އަހަރެއް ކުރި އެވެ.
މި ސީރީޒްގައި މައިގަނޑު ގޮތެއްގައި ދައްކާނީ އަސްލު ސީރީޒްގައި ފެނުނު ނުރައްކާތެރި ވިލަން، "ވެކްނާ" އަށް ހެންރީ ކްރީލް ބަދަލުވުމުގެ ކުރިން ހިނގާދިޔަ ކަންތައްތަކާއި އޭނާގެ ބާރުތަކުގެ އަސްލު ފެށިގެން އައި ގޮތެވެ. މިއާ އެކު، މުޅިން އާ ކެރެކްޓާތަކާއި އާދަޔާ ހިލާފު އާ ހާދިސާތަކެއް ގެނެސްދޭނެ އެވެ.
"އަދަ ވޯލްޑްސް" އުފެއްދުމުގައި ހަރަކާތްތެރިވަނީ އަސްލު ސީރީޒްގެ ކްރިއޭޓަރުން ކަމަށްވާ ޑަފަ ބްރަދާސް (މެޓް އަދި ރޮސް ޑަފަ) އާއި ސްޓްރޭންޖާ ތިންގްސްގެ ސްޓޭޖް ޕްލޭ "ދަ ފަސްޓް ޝެޑޯ" ލިޔުނު ކޭޓް ޓްރެފްރީ އެވެ.
މި ސީރީޒްގެ ޝޯރަނާ އަދި އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ޓްރެފްރީ ކަމަށްވާއިރު، ފުރަތަމަ ތިން އެޕިސޯޑް ޑައިރެކްޓްކުރުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ޖޯ ރައިޓް އެވެ.
ނެޓްފްލިކްސް އިން ވަނީ މި ސީރީޒް އިއުލާންކުރުމުގެ ގޮތުން ކުރު ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ. ނަމަވެސް، މީގެ ކާސްޓުންނާއި އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ސްޓްރޭންޖާ ތިންގްސްގެ މައި ސީރީޒް ނިމުމަކަށް އައުމަށް ފަހު، އެ ވާހަކައިގެ ދުނިޔެ އިތުރަށް ފުޅާކުރުމަށް ނެޓްފްލިކްސް އިން ފަށާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.