ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ދަ ކްރައުން"ގެ ޕްރީކުއެލްއެއް އުފެއްދުމަށް ނެޓްފްލިކްސް އާއި ޕްރޮޑަކްޝަން ކުންފުނި ލެފްޓް ބޭންކް ޕިކްޗާސްއާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ޕްރީކުއެލް ސީރީޒްގައި ދައްކާނީ 1901 ވަނަ އަހަރު އިނގިރޭސި ރާނީ ވިކްޓޯރިއާ އަވަހާރަވީ ހިސާބުން ފެށިގެން، 1947 ވަނަ އަހަރު އޭރުގެ ޕްރިންސަސް އެލިޒަބަތު (ފަހުން ރާނީ އެލިޒަބަތު 2) އާއި ޕްރިންސް ފިލިޕްގެ ކައިވެންޏާ ހަމައަށް ކަންކަން ހިނގި ގޮތެވެ.
އެ ސީރީޒްގައި އިނގިރޭސިވިލާތުގެ ހަތަރު ރަސްކަލުން ކަމަށްވާ އެޑްވާޑް 7، ޖޯޖް 5، އެޑްވާޑް 8، އަދި ޖޯޖް 6 ގެ ރަސްކަމުގެ ދުވަސްވަރު ދައްކާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މީގެ އިތުރުން ދުނިޔޭގެ ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައި ހިނގާފައިވާ ކަންކަމާއި 1936 ވަނަ އަހަރު އެޑްވާޑް 8 ރަސްކަން ދޫކޮށްލެއްވި ހާދިސާ ވެސް މި ސީރީޒްގައި ދައްކާނެ އެވެ.
މި ޕްރޮޖެކްޓުގެ އަގު ގާތްގަނޑަކަށް 680 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.
"ދަ ކްރައުން" އުފެއްދި ޕީޓާ މޯގަން މި ސީރީޒްގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، އަންނަ އަހަރު ކާސްޓިން ނުވަތަ އެކްޓަރުން ހޮވުމުގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ދަ ކްރައުން"ގެ ކުރީގެ ސީޒަންތަކަކީ އިނގިރޭސި ރާނީ އެލިޒަބަތުގެ ރަސްކަމުގެ މައްޗަށް ބިނާކޮށް އުފެއްދި، ގިނަ ބައެއްގެ ލޯބި ލިބުނު ސީރީޒެކެވެ.