ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ކާސްޓަކާ އެކު ކުޅެފައިވާ "ޔާރާ" ދިވެހި ސީރީޒް ޕްރިމިއާކޮށްފި އެވެ.

ރިޝްމީ ރަމީޒްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "އާރް2ޒީ" އިން ބައިސްކޯފާ ގުޅިގެން އުފެއްދި އެ ސީރީޒް ޕްރިމިއާކުރީ ރޭ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގަ އެވެ.

ސްކްރީން ރައިޓަރު އަހްމަދު އިގްބާލު (އައިކިއު) ލިޔެފައިވާ ސްކްރިޕްޓަކަށް ބިނާކޮށް ރިޝްމީ ޑައިރެކްޓުކޮށްފައިވާ އެ ސީރީޒްގައި 90 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އަދި މައިގަނޑު ރޯލުތަކުން ވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ 26 ފަންނާނުން ފެނެ އެވެ.

"ޔާރާ" ރެޑްކާޕެޓް: ސީރީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރި ރިޝްމީ ރަމީޒް (ކ) އަދި މި ސީރީޒް ލިޔުން އަހްމަދު އިގްބާލް (އައިކިއު) --ފޮޓޯ: ބައިސްކޯފް
"ޔާރާ" ރެޑްކާޕެޓް: ސީރީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރި ރިޝްމީ ރަމީޒް (ކ) އަދި މި ސީރީޒް ލިޔުން އަހްމަދު އިގްބާލް (އައިކިއު) --ފޮޓޯ: ބައިސްކޯފް

ރޭ ބޭއްވި ހަފްލާގައި ވަނީ ޔާރާގެ ފުރަތަމަ ސީޒަންގެ ދެ އެޕިސޯޑު ބޮޑު ސްކްރީނުގައި އަޅުވައިފަ އެވެ. ޖުމްލަ 12 އެޕިސޯޑު ހިމެނޭ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑު މިހާރު ބައިސްކޯފު އެޕުން ވެސް ބަލައިލެވޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު އާ އެޕިސޯޑެއް ބައިސްކޯފަށް ނެރޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުންޏެވެ.

"ޔާރާ" ރެޑްކާޕެޓް: ސީރީޒްގެ ލީޑު ރޯލުން ފެންނަ ރިޝްމީ (ކ) އަދި މަރިޔަމް އައްޒަ ---ފޮޓޯ: ބައިސްކޯފް
"ޔާރާ" ރެޑްކާޕެޓް: ސީރީޒްގެ ލީޑު ރޯލުން ފެންނަ ރިޝްމީ (ކ) އަދި މަރިޔަމް އައްޒަ ---ފޮޓޯ: ބައިސްކޯފް

ޔާރާ ސީރީޒްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮވިޑް-19 ގެ ސަބަބުން ހުއްޓުމެއް އައިސް މިހާރު މިވަނީ ރިޝްމީގެ ހުވަފެނީ މި ޕްރޮޖެކްޓު ހަގީގަތަކަށްވެފަ އެވެ.

ލޯތްބާއި، ހިތާމަ އަދި އުފަލާއި މަޖާ ގިނަ މަންޒަރުތަކެއް ދައްކުވައިދޭ މި ސީރީޒްގައި ގެނެސްދެނީ ދިރިއުޅުމުގައި ހިމެނޭ އެކިކަހަލަ ގުޅުންތަކުގައި ހިނގާ ކަންކަމުގެ ވާހަކަ އެވެ. އެއީ ލޯބީގެ ގުޅުމާއި، އާއިލީ ގުޅުމާއި، އަދި ރައްޓެހިކަމުގެ ގުޅުމެވެ.

ރޭގެ ހަފްލާގައި ކާސްޓުންގެ އިންޓަވިއުގެ ތެރެއިން ޑައިރެކްޓަރު ރިޝްމީ ވާހަކަދައްކަނީ ---ފޮޓޯ: ބައިސްކޯފް
ރޭގެ ހަފްލާގައި ކާސްޓުންގެ އިންޓަވިއުގެ ތެރެއިން ޑައިރެކްޓަރު ރިޝްމީ ވާހަކަދައްކަނީ ---ފޮޓޯ: ބައިސްކޯފް

ސީރީޒްގެ މައިގަނޑު އަމާޒުވެފައިވަނީ ރިޝްމީ އާއި މަރިޔަމް އައްޒަ އަދި އެ ދެ މީހުންގެ މަންމަ އައިމިނަތު ރަޝީދާގެ ކެރެކްޓާއިންގެ އާއިލާއަށެވެ. ސީރީޒްގައި ވެސް އެ މީހުން ކުޅެނީ މަންމަ އާއި ދެ ދަރިންގެ ރޯލެވެ. އެ އާއިލާއާ ގުޅިފައިވާ އެހެން މީހުންގެ ވާހަކަތައް ވެސް ވަކިވަކިން މި ސީރީޒްގައި ކިޔައިދެ އެވެ.

މި ސީރީޒްގައި އުޅޭ އެހެން ބައެއް ފަންނާނުންގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ)، މުހައްމަދު ވިޝާލް (ރޯމަން) އަލީ ސީޒަން، އިސްމާއީލް ޖުމައިހް، ލަމްލާ ލަތީފް، ނުޒުހަތު ޝުއައިބު، އައިމިނަތު ރިޝްފާ، ޝަރާ އާދަމް އަދި އަހްމަދު އާސިމް ފަދަ ހިމެނެ އެވެ.

މި ސީރީޒް ހަތަރު ސީޒަނަކަށް ދެމިގެން ދާނެ އެވެ.