ވޯގް އަރަބިއާގެ ކަވަރުގައި ބޮލީވުޑްގެ ބަތަލާ ރޭކާ.
04 ޖުލައި 2023 - 08:47
ބޮލީވުޑްގެ ކުޅަދާނަ އަދި އެހާމެ ރީތި ބަތަލާ ރޭކާ، ވޯގް އަރަބިއާގެ މި މަހުގެ ކަވަރުގައި ހިމަނައިފި އެވެ.
އުމުރުން 64 އަހަރުގެ ރޭކާ އަކީ އެކްޓިންގެ އިތުރުން އޭނާގެ ރީތި ކަމަށް މަޝްހޫރު ތަރިއެކެވެ. ރޭކާ އަކީ އާންމުކޮށް މީޑިއާތަކަށް އިންޓަވިއު ދޭ ވެސް ތަރިއެއް ނޫނެވެ. އެހެންވެ، ވޯގް އަރަބިއާގެ ކަވަ ގާލްގެ ގޮތުގައި އޭނާ ފީޗާކުރުމާއި އެ މެގަޒިންއަށް ދިން އިންޓަވިއު ވަރަށް ހާއްސަވި އެވެ. މި އިންޓަވިއު އާއި ރޭކާގެ ފޮޓޯޝޫޓަށް ވެސް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.
ވޯގްއަށް ދިން އިންޓަވިއުގައި ރޭކާ ވަނީ އޭނާގެ ކެރިއަރާއި ދިރިއުޅުމާ ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަވީ އޭނާގެ ލޯބީގެ ހަޔާތާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކެވެ.
ރޭކާ އާއި ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ އަދިވެސް ބާ ނުވެ އޮތް، ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކައެކެވެ. ރޭކާ ކައިވެނިނުކޮށް އިނީ ވެސް އަމީތާބު ނުލިބުން ކަމަށް ބުނެ އުޅެ އެވެ. ރޭކާ ވަރަށް ކުރިން ދިން އިންޓަވިއުއެއްގައި އަމީތާބު ދެކެ ލޯބިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"މީހަކު ދެކެ ނުވަތަ އެއްޗެއް ދެކެ އިންތިހާއަށް ލޯބިވެވިއްޖެ ނަމަ، އެ އެއްޗެއް ތިމާގެ އަތުން ވަރަށް އަވަހަށް ބީވެގެން ހިނގައިދާނެތަ؟ ނޫން. އެ ގުޅުން ދާއިމަށް އޮންނާނެ. ބައެއް ފަހަރު އަހަރެމެން ލޯބި އިތުރަށް ބޭނުންވޭ އަދި އަނެއްބައި ފަހަރަށް އެ ލިބޭ ލޯބިން ނުފުދިގެން ވެސް އުޅެން ޖެހޭ. މިއީ އަހަރެންގެ ވާހަކަ،" އެ އިންޓަވިއުގައި ރޭކާ ބުންޏެވެ.
ވޯގް ކަވަ ޝޫޓްގައި ރޭކާ ހުރީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ޑިޒައިންކޮށްފައިވާ ސާޅިއެއް އަޅައިގެންނެވެ. އޭނާގެ ކަރުގައި އަޅުވާފައި އޮތީ މަޝްހޫރު ޖުވެލަރީ ބްރޭންޑެއް ކަމަށްވާ ކްލީފް އެންޑް އާޕެލްސްގެ ހާރެކެވެ. އެ ހާރުގެ ބަރުދަނުގައި 161.62 ކެރެޓް ހުރެ އެވެ. އެ ހާރު ތައްޔާރުކުރަން 5،000 ގަޑިއިރު ހޭދަވި އެވެ.
ރޭކާގެ ލުކް ވަރުގަދަކޮށްފައި ވަނީ އެ ހާރުގެ ޑިޒައިންއާ ގުޅޭ ޑައިމަންޑް އިއާރިންގްސް އާއި އަނގޮޓިއަކާއި ތަނޑިތަކެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އެންމެ ޝައުގުވެރި ބަޔަކީ މި އިންޓަނޭޝަނަލް ފޮޓޯޝޫޓުގައި ވެސް އޭނާ ސިންދޫރަ އަޅައިގެން ހުރުމުންނެވެ. އެއީ ކައިވެނިކޮށްގެން ތިބޭ ހިންދޫ އަންހެނުން ނިއްކުރި މަތީގައި އަޅާ އެއްޗެކެވެ.
އޭގެ އިތުރު ވެސް މި ފޮޓޯޝޫޓްގައި ރޭކާ ތަފާތު ވަރަށް ގިނަ ލުކްތައް ދައްކާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޭކާ
07 July 2023
އަމީތާބޫ، ކަލޭ ހަމަ ރޭކާ ވެސްނުލާތަ؟
މުހައްމަދ
06 July 2023
އަދިވެސް ވަރަށް ނަލައޭ ދޯ؟
ސިރާ
04 July 2023
1991 ގަ މެޑަމް އެކްސް ގެ ފޮޓޯ ޝޫޓް ގަ ޖަހާ ވައްތަރު އަދިވެސް
ރޫސީ
04 July 2023
ރޭކާގެ ޒުވާން ކަމާ ރީތި ކަމަކީ މީހުން އާޝޯހުކޮށްލާ ފަދަ ޖާދޫއެއް! ތި ފޮޓޯ ތަށް މަ ވެސް ދުށިން އޭނަގެ ފޭންބޭސް ފޭސްބުކް 'ރޭކާ' އިން( ރޭކާގެ ފޭނުން އުފައްދާފައިވާ ފޭސްބުކް އެކަންޓެއް )