ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހަން ބުރުގާ އަޅައިގެން ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް އާންމުވުމުން، އޭނާ އިސްލާމް ވީކަމަށް އަޑު ފެތުރިފައިވެ އެވެ. މިކަމުގެ ހަގީގަތެއް ނޭނގެ އެވެ. އެކަމަކު އޭނާގެ ފަރާތުން އަންނަނީ އިސްލާމް ދީނަށް ޝައުގުވެރިކަން ހުރިކަމުގެ ނިޝާންތަކެއް ފެންނަމުންނެވެ.

އަރަބި ބައެއް އެކުވެރިންގެ ފަރާތުން ކީރިތި ޤުރުއާންގެ އިނގިރޭސި ތަރުޖަމާ ވެސް ލިބިފައި އެބަހުރި ކަމަށާއި އެ ފޮތް ކިޔަވައި، އިސްލާމް ދީން ދަސްކުރަމުން އަންނަ ކަމަށް ލިންޒީ ބުނެފައިވެ އެވެ. ދާދި ފަހުން އޭނާ ވަނީ އިސްޓަގްރާމްގައި ހުރި އެތަކެއް ސަތޭކަ ފޮޓޯއެއް ޑިލީޓްކޮށް، އިސްޓަގްރާމް ސާފުކޮށް "އަލައިކުމުއްސަލާމް" ވެސް ލިޔެފަ އެވެ. އެ އިބާރާތް އަދިވެސް އޭނާގެ އިންސްޓަގްރާމްގައި އިން ނަމަވެސް، މިހާރު ވަނީ އަލުން ފޮޓޯތަކެއް ޕޯސްޓްކޮށްފަ އެވެ.

އެ ފޮޓޯތަކުގެ ތެރޭގައި ތުރުކީގެ ރައީސްގެ ދެކަނބަލުންނާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިމެނެ އެވެ.

މި ފަހަރު މިއޮތީ އަނެއްކާ ވެސް ލިންޒީގެ އާ ވާހަކައެކެވެ. ކުރަން ޖެހުނު އާ ތަޖުރިބާއެއްގެ ވާހަކަ އެވެ.

ދާދި ފަހުން އޭނާ ތުރުކީ އަށް ކުރި ދަތުރަކަށް ފަހު އިނގިރޭސިވިލާތުން ނިއު ޔޯކަށް ފުރަން އުޅެނިކޮށް ލަންޑަންގެ ހީތުރޫ އެއާޕާޓުން އޭނާ ހިފެހެއްޓި އެވެ.

އޭނާ ބުނީ ބުރުގާ އަޅައިގެން ހުރުމުން އެއާޕޯޓްގެ އޮފިޝަލަކު އޭނާ ހުއްޓުވައި، ބުރުގާ ނަގަން ވެސް އެންގި ކަމަށެވެ. ތުރުކީން އޭނާ ފުރީ ވެސް ބުރުގާ އަޅައިގެންނެވެ.

"އަހަރެން ހުއްޓުވައި ޕާސްޕޯޓް ބެލުމަށް ފަހު، މާފަށް ވެސް އެދިފައި ދެން އޭނާ އެންގީ ބުރުގާ ނަގަން. އަހަރެން ދެކެނީ އެއީ ތަފާތު ކުރުމުގެ އަމަލެއް ކަމަށް. ބުރުގާ އަޅައިގެން ހުންނަ އަންހެނެއްގެ ކައިރީގައި ބުރަގާ ނަގަން ބުނީމަ ކުރެވޭނެ އިހުސާސް އޭރު އަހަންނަށް ކުރެވުނު،" އިނގިރޭސިވިލާތުގެ ޓީވީ ޝޯ "ގުޑްމޯނިން ބްރިޓްން" ގައި ލިންޒީ ބުންޏެވެ. "އަންހެނަކު ބުރުގާ އަޅާފައި ހުރުމަކީ އެ މީހަކާ މެދު ތަފާތުކުރުން ގެންގުޅެން ޖެހޭ ކަމެއް ނޫން."

އޭނާ ބުނީ އަންހެނުންނަށް ކުރިމަތިވާ މިފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށެވެ.