"ޕުޝްޕާ 2"ގެ މަންޒަރެއްގައި އައްލޫ އަރްޖުންނާއި ރަޝްމިކާ މަންދަނާ.
30 ނޮވެމްބަރ 2024 - 06:57
ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ 2: ދަ ރޫލް" ބައެއް މަންޒަރުތައް ކަނޑަން އިންޑިއާގެ ފިލްމު ސެންސަރު ބޯޑުން އިއްޔެ އަންގައިފި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ފިލްމުގައި ހިމެނޭ ބައެއް ބަސްތަކާއި ވަރަށް ބޮޑަށް އަނިޔާވެރިކަން ދައްކާ މަންޒަރުތަކެއް ކަނޑަން ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން ވަނީ އެ ފިލްމުގެ ޓީމަށް އަންގައިފަ އެވެ.
އެ މަންޒަރުތައް ކަނޑަން ފިލްމުގެ ޓީމުން އެއްބަސްވުމުން ސީބީއެފްސީން އެ ފިލްމަށް ދީފައި ވަނީ ޔޫ/އޭ ސެޓްފިކެޓެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޔޫ/އޭ ސެޓްފިކެޓްގެ މާނައަކީ 12 އަހަރުން ދަށުގެ ކުދިން އެ ފިލްމު ބަލަންވާނީ ބެލެނިވެރިއެއްގެ ހާޒިރުގަ އެވެ.
އެ މަންޒަރުތައް ކެނޑުމާ އެކު، އެ ފިލްމުގެ ދިގުމިނުގައި ހުންނާނީ ތިން ގަޑިއިރާއި 20 މިނެޓާއި 38 ސިކުންތެވެ.
"ޕުޝްޕާ 2: ދަ ރޫލް" އަކީ މި އަހަރު ނުކުންނަ އިންޑިއާގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ދެކުނު އިންޑިއާގެ މި ފިލްމު ސިނަމާގައި ރިލީޒްކުރުމުގެ ކުރިން ވަނީ 1،000 ކްރޯޑް ރުޕީސް (118.9 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ވެސް ހޯދައިފަ އެވެ. ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ހޯދައިފި ނަމަ، އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ.
"ޕުޝްޕާ 2" އުފެއްދީ 500 ކްރޯޑް ރުޕީސް (59.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ.
"ޕުޝްޕާ"ގައި ލީޑު ރޯލު ކުޅެނީ ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު އައްލޫ އަރްޖުނެވެ. ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ގެނެސްދިން ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް އުޅުނު ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.
"ޕުޝްޕާ"ގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދޭނެކަން މި އަހަރު ކުރީކޮޅުގައި ވަނީ އިއުލާންކޮށްފަ އެވެ.
އިންޑިއާގެ އެކި ބަސްތަކުން ނެރުނު ޕުޝްޕާގެ ފުރަތަމަ ފިލްމު "ޕުޝްޕާ؛ ދަ ރައިސް"އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ ތިންވަރަކަށް އަހަރު ކުރިން، 2021 ގައި ނެރުނު އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 365 ކްރޯޑް ރުޕީސް (43.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ފިލްމަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި އިންޑިއާގެ ފިލްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނަނ
30 November 2024
ސައުތުފިލްމްގެ ސްޓޯރީ މާސަޅިވެފަ އެކްޓިންގވެސް ހަބޭސް