ހިންދީ ޑްރާމާ "ޖަނަކް"ގެ ލީޑު އެކްޓަރު ކްރުޝަލް އަހޫޖާ.
08 މެއި 2025 - 06:42
ސްޓާޕްލަސް އިން މިހާރު ގެނެސްދޭ އެންމެ މަގުބޫލު ޑްރާމާތަކުގެ ތެރޭގައި ހިމެނޭ "ޖަނަކް"ގެ ލީޑު އެކްޓަރު ކްރުޝަލް އަހޫޖާ އެ ޑްރާމާއިން ވަކިވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަނިރުދާގެ ރޯލު ކުޅޭ ކްރުޝަލް އެ ޑްރާމާއިން ވަކިވާން ނިންމި ސަބަބަކީ އެ ޑްރާމާގައި 20 އަހަރު ކުރިއަށް ޖެހިލައި ނުވަތަ "ލީޕެއް" ނަގައި، މުޅިން އާ ކާސްޓެއް ނަގަން އުޅޭތީ އެވެ. އެ ލީޕާ އެކު އެ ޑްރާމާގެ ލީޑު އަންހެން އެކްޓަރު ހިބާ ނަވާބް (ޖަނަކް) އާއި ކުރުޝަލްގެ ވާހަކައަށް ވެސް ނިމުމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، "ޖަނަކް"ގެ ކާސްޓުގައި މިހާރު ހިމެނޭ އެކްޓަރުންގެ ތެރެއިން ކުރުޝަލް ފިޔަވާ އެއްވެސް އެކްޓަރަކު އެ ޑްރާމާއިން ވަކިވާކަން އަދި ކަށަރުވަރުކޮށްދީފައި ނުވެ އެވެ.
"އާނ، އަހަރެން މި ޑްރާމާއިން ވަކިވާން ނިންމައިފިން. އަދި އެކަން ޓީމަށް އިއްޔެ ވާނީ އަންގައިފައި. ޖަނަކްގެ ޓީމަށް މެއިލެއް ފޮނުވައި، ޝޯގައި ލީޕެއް ނަގަން އުޅޭކަން ވަނީ އަންގައިފައި،" ކްރުޝަލް ހިންދުސްތާން ޓައިމްސް އަށް ބުންޏެވެ.
"ޑްރާމާގައި ލީޕެއް ނަގައި، މީގެ ވާހަކަ އެއްކޮށް ބަދަލުވާނެ. އެއާއެކު އަހަރެންގެ ކެރެކްޓާ އަނިރުދާގެ ރޯލަށް ވެސް ނިމުމެއް އަންނާނެ."
ނަމަވެސް، އެ ޑްރާމާގެ ކާސްޓުގައި ދެން ތިބި އެކްޓަރުންނަށް ވާނެ ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ކްރުޝަލް ބުނީ އޭނާ ކުޅޭ އެންމެ ފަހު އެޕިސޯޑުގެ ޝޫޓިން މިހާރު ފަށާފައިވާ ކަމަށާއި މި މަހު އެ އެޕިސޯޑު ދައްކާނެ ކަމަށެވެ. އަދި މި ޑްރާމާއިން ވަކިވުމަށް ފަހު ދާއިރާއިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy