ހިންދީ ޑްރާމާ އުފެއްދުމަށް މަޝްހޫރު އެކްތާ ކަޕޫރުގެ ސިލްސިލާ "ނާގިން 7"ގެ ފަހުގެ އެޕިސޯޑުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާ ގިނައިން ބޭނުންކުރާތީ އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އޭނާއަށް އަމާޒުވެއްޖެ އެވެ.

އެކަމާ ގުޅިގެން އެކްތާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެޕިސޯޑުތަކާ ހުރެ އޭނާއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވަމުންދާ ކަމަށެވެ.

މަޖާޒީ ގޮތަކަށް ވާހަކަ ދައްކަމުން އެކްތާ ބުނީ މީގެ ޒިންމާ ނަގަން ޖެހޭނީ އޭނާގެ ރައިޓަރުން ކަމަށެވެ. އެމީހުން ކޮންމެ މަންޒަރަކަށް މަތިންދާބޯޓާއި އެ ކަހަލަ ތަފާތު އެކި އެއްޗެހި އިތުރުކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އެކްތާ އަމިއްލައަށް އިއުތިރާފުވި ގޮތުގައި، ބަޖެޓެއް ނެތި "ޑްރެގަން" ކަހަލަ ތަކެތި މަންޒަރުތަކަށް އިތުރުކުރަން ބޭނުންވަނީ އޭނާ އަމިއްލައަށެވެ.

"އަހަރެން ބޭނުންވަނީ އެއްވެސް ބަޖެޓަކާ ނުލައި ޑްރެގަން އާއި މަތިންދާބޯޓު ފަދަ ތަކެތި ގެންނަން،" އެކްތާ ބުންޏެވެ.

"ނާގިން 7"ގެ ލީޑް ރޯލު ކުޅެނީ ޕްރިޔަންކާ ޗަހަރް ޗައުދަރީ އެވެ.

މި ސީޒަނުގައި ނާގިންއާ ކުރިމަތިލާން ޖެހޭ މައިގަނޑު ދުޝްމަނަކީ ޑްރެގަންއެކެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ބައެއް މަންޒަރުތަކުގެ ފެންވަރު ދަށްވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމަށް މަލާމާތްކޮށް ފާޑުކިޔަމުންނެވެ.

މި ސިލްސިލާގެ އިތުރުން އެކްތާ މިހާރު އަންނަނީ އަކްޝޭ ކުމާރު ހިމެނޭ ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރުމަށް ވެސް ތައްޔާރުވަމުންނެވެ. އެ ފިލްމު ރިލީޒްކުރަނީ އަންނަ މަހު 10 ގަ އެވެ.