ފައްތާހްގެ "ހައްދު" ކްރޫ ޝޫޓިން އަށް ކެލާގައި

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހްގެ "ހައްދު" ގެ ޝޫޓިން އަށް، ފިލްމުގެ ކްރޫ، ހއ. ކެލައަށް ހިނގައްޖެ އެވެ.


މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ "ހައްދު" ގެ ލީޑް ރޯލުން މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާއާ އެކު، ފެނިގެން ދާނީ އާ އެކްޓަރެކެވެ. އެއީ އަހުމަދު ޝިބާނެވެ. އެ ތަރިންނާ އެކު، "ހައްދު" އިން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.

އޭގެ ތެރޭގައި އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު (ދަރާ)، ފައުޒިއްޔާ ހަސަން، އަލީ ފާރޫގް، މަރިޔަމް ހަލީމް، މުފުލިހާ، މުހްސިނާ އަދި ނަޖާހް ހިމެނެ އެވެ.

"ހައްދު" ގެ ބަތަލާ އައްޒަ އަށް ހޮލިޑޭ ހޯމް ކެލާ ގެސްޓް ހައުސް އިން މަރުހަބާ ކިޔަނީ.

މީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ކުޑަ އަންހެން ކުއްޖަކު ވެސް ފެނިގެން ދާނެ އެވެ.

ފައްތާހު ބުނީ ހއ. ޝޫޓިން ކުރިއަށް ދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އެ އަތޮޅަށް ދިއުމުގެ ކުރިން ފައްތާހު ވަނީ ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތަކެއް ވެސް ކުރިން ހޯދައިފަ އެވެ.

"މިކޮޅު ޝޫޓިން ނިންމާލާފައި މާލެ ދިއުމަށް ފަހު، ދެން ފުރާނީ ރ. ވާދު އަށް،" 2014 ގައި ރިލީޒް ކުރި "އާދޭސް" އަށް ފަހު، ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ފައްތާހު ބުންޏެވެ. "މީގެ ބައެއް މަންޒަރުތައް މާލެ އާއި ބައެއް ރިސޯޓްތަކާއި ސަފާރީއެއްގައި ވެސް ނަގާނެ."

"ހައްދު" ގެ ބަތަލު ޝިބާން ކެލާގައި.

އޭނާ ބުނީ އިބްރާހީމް ވިސާން (ކަނޑި) ގެ ސިނަމަޓޮގްރަފީ ފެނިގެންދާ "ހައްދު" ގެ ޝޫޓިން ދޮޅު މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލާނެ ކަމަށެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ އޯކޭޒް އިންކުންނެވެ.

އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ ފިލްމުގެ ހަތަރު ލަވައެއްގެ ރެކޯޑިން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

ފިލްމް "ހައްދު" ގެ ޕޯސްޓަރެއް: ފިލްމް ސިނަމާ އަށް އަންނާނީ ސެޕްޓެމްބަރު ހައެއްގައި.

"ހައްދު" ގެ ޕްރޮމޯޝަނަލް ލަވަ ފިޔަވައި އެހެން ހުރިހާ ލަވައެއް އިވިގެން ދާނީ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާގެ އަޑުންނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ބެލެވޭ "ހައްދު" ގެ ޕްރޮމޯޝަނަލް ލަވަ ކިޔާނީ އަހުމަދު ޔާފިއު އެވެ.

ފައްތާހާއި ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރާ "ހައްދު" ސިނަމާ އަށް އަންނާނީ ސެޕްޓެމްބަރު ހައެއްގަ އެވެ.

ފައްތާހުގެ ބާރަ ވަނަ ޑައިރެކްޝަން ޕްރޮމޯޓް ކުރަމުން އަންނަނީ ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގަ އެވެ.