"ކޭން ދިސް ލަވް ބީ ޓްރާންސްލޭޓެޑް؟"ގެ ޕޯސްޓަރުގައި ކިމް ސިއޮންހޯ އާއި ގޯ ޔޫން އުންގް.
19 ޑިސެމްބަރ 2025 - 08:37
ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސިއޮންހޯގެ އާ ޑްރާމާ "ކޭން ދިސް ލަވް ބީ ޓްރާންސްލޭޓެޑް؟" އަންނަ މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން އިއްޔެ ވަނީ އެ ޑްރާމާގެ ފުރަތަމަ ޓީޒާ އާންމުކޮށްފަ އެވެ.
ކިމް ސިއޮންހޯގެ އެންމެފަހުގެ ޑްރާމާ އަދި ގިނަ ބައެއްގެ ލޯބި ލިބުނު "ވެން ލައިފް ގިވްސް ޔޫ ޓެންޖަރިންސް" ވެސް ގެނެސްދިނީ ނެޓްފްލިކްސް އިންނެވެ. އެކަމަކު، މި އަހަރު ގެނެސްދިން އެ ޑްރާމާގައި އޭނާ ކުޅުނީ ކުޑަ ރޯލެކެވެ. މިއީ އޭގެ ފަހުން އޭނާ ކުޅޭ ފުރަތަމަ ޑްރާމާ އެވެ.
ނެޓްފްލިކްސް އިން 2023 ވަނަ އަހަރު ގެނެސްދިން، ކިމް ސިއޮންހޯ ލީޑް ރޯލު ކުޅުނު "ހޯމްޓައުން ޗާ ޗާ ޗާ" އަކީ ވެސް ގިނަ ބައެއްގެ ލޯބި ލިބުނު ޑްރާމާއެކެވެ.
ކިމް ސިއޮންހޯއާ އެކު "ކޭން ދިސް ލަވް ބީ ޓްރާންސްލޭޓެޑް؟"ގައި ލީޑް ރޯލު ކުޅެނީ "އެލްކެމީ އޮފް ސޯލްސް" އަދި "ސްވީޓް ހޯމް" ކަހަލަ ކޮރެއާގެ ޑްރާމާތަކުގައި މަސައްކަތްކޮށްފައިވާ ގޯ ޔޫން އުންގެވެ.
"ކޭން ދިސް ލަވް ބީ ޓްރާންސްލޭޓެޑް؟"އަކީ "އެލްކެމީ އޮފް ސޯލްސް" އާއި "ހޮޓެލް ޑެލް ލޫނާ" އަދި "ދަ މާސްޓްސް ސަން" ކަހަލަ ޑްރާމާތައް ގެެނެސްދީފައިވާ ހޮންގް ސިސްޓާގެ އުފެއްދުމެކެވެ.
ކޮރެއާގެ މަޝްހޫރު ސެލެބްރިޓީއަކު އޭނާ ގެންގުޅޭ ޓްރާންސްލޭޓަރަކު ދެކެ ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ މި ޑްރާމާގެ މަންޒަރުތައް ނަގާފައިވަނީ ކޮރެއާގެ އިތުރުން ޖަޕާނާއި ކެނެޑާ އަދި އިޓަލީގަ އެވެ.
"ކޭން ދިސް ލަވް ބީ ޓްރާންސްލޭޓެޑް؟" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު 16 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy