މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަރުވި ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދުރާގެ ހަނދާންތައް، މި އަހަރުގެ އޮސްކާ އެވޯޑުގެ "އިން މެމޯރިއަމް" ސެގްމެންޓުގައި އާނުކުރުމުން އޭނާގެ އަންހެނުން ހޭމާ މާލިނީ ނުރުހުން ފާޅުކޮށްފި އެވެ.
ހެމާ "ބޮލީވުޑް ހަންގާމާ"އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ 98 ވަނަ އޮސްކާގައި، ދުނިޔެ ދޫކޮށްފައިވާ ފަންނާނުންގެ ހަނދާން އާކުރުމަށް ހާއްސަކުރި ބައިގައި ދަރުމެންދުރާ ހިމަނާފައި ނުވާތީ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.
"އެއީ ހަގީގަތުގައި ވެސް ވަރަށް ލަދުވެތި ކަމެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ބަލައިގަންނަ އަދި ލޯބިވާ ފަންނާނަކު އެމީހުންނަށް ފާހަގަނުކުރެވުމަކީ ދެރަ ކަމެއް،" ހޭމާ ބުންޏެވެ.
ހޭމާ ބުނީ ދަރުމެންދުރާއަކީ ދިރިހުރި އިރު ވެސް މާ ގިނަ އެވޯޑްތަކެއް ލިބުނު މީހެއް ނޫން ކަމަށާއި، އޭނާއަށް އަބަދުވެސް އެންމެ މުހިންމުވީ އިންޑިއާގެ ރައްޔިތުންގެ ލޯބި ކަމަށެވެ. އެހެންވެ، އޮސްކާ ކަހަލަ އެވޯޑަކުން އޭނާ ބަލައިގަތުމަކީ އޭނާއަށް މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް ވެސް ހެމާ ބުންޏެވެ.
ދަރުމެންދުރާގެ ދަރިފުޅު އަދި ކުރީގެ އެކްޓްރެސް އީޝާ ޑިއޯލް ވެސް ވަނީ މިކަމާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ. އީޝާ ބުނީ އޭނާގެ ބައްޕައަކީ ދުވަހަކު ވެސް މިފަދަ ކަންކަމާ ފިކުރުކުރާނެ މީހެއް ނޫން ކަމަށާއި، އޭނާގެ ހިތް އެއަށް ވުރެ މާ ސާފުވާނެ ކަމަށެވެ.
އިއްޔެ ބޭއްވި އޮސްކާގެ ލައިވް އިވެންޓުގައި "އިން މެމޯރިއަމް"ގައި ދަރުމެންދުރާގެ ނަން ނެތް ނަމަވެސް، އޮސްކާ އެކަޑަމީގެ ރަސްމީ ވެބްސައިޓުގައިވާ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވެ އެވެ. އޭނާގެ އިތުރުން އިންޑިއާގެ އެހެން ފަންނާނުން ކަމަށްވާ ސަރޯޖާ ދޭވީ، މަނޯޖް ކުމާރު، އަދި ޖަޔަޝްރީ ކަބީރު ކަހަލަ ފަންނާނުންގެ ނަން ވެސް އެ ލިސްޓުގައި ހިމަނާފައިވެ އެވެ.
އުމުރުން 89 އަހަރުގައި ދަރުމެންދުރަ މަރުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު 24 ގަ އެވެ.