ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާއި އޭނާގެ ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އިންޑިއާގެ ބެންގަލޫރުގެ ރެސްޓޯރެންޓަކަށް ކާން ދިޔަ ދުވަހެއްގައި އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވެ މަގު ބަންދުވުމާ ގުޅިގެން ފުލުހުން އެ ރެސްޓޯރެންޓަށް އިންޒާރު ދީފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ހާދިސާ ހިނގާފައި ވަނީ ބެންގަލޫރުގެ މަޝްހޫރު "ސީޓީއާރު" ރެސްޓޯރެންޓަށް އެ ދެމަފިރިން ހެނދުނުގެ ނާސްތާ އަށް ދިޔަ ދުވަހެއްގަ އެވެ. މި ދެ ތަރިން އެ ރެސްޓޯރެންޓަށް ގޮސް އުޅޭ ކަމުގެ ޚަބަރު ފެތުރުމާ އެކު، އެމީހުން ދެކިލުމަށްޓަކާ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސަރަހައްދަށް ޖަމާވި އެވެ.

މީހުން ގިނަވުމުގެ ސަބަބުން ރެސްޓޯރެންޓް ހުންނަ މަގު އެއްކޮށް ބަންދުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް ރިޕޯޓްތައް ބުންޏެވެ. 

އެކަމާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުން ވަނީ ރެސްޓޯރެންޓުގެ މެނޭޖުމަންޓަށް ގުޅައި، އާންމުންނަށް އުނދަގޫވާ ގޮތަށް ކަންތައްތައް ހިނގަމުންދާތީ އިންޒާރު ދީފަ އެވެ.

އެ ރެސްޓޯރެންޓުގެ ވެރިޔާ ބައެއް މީޑިއާތަކަށް ބުނީ ވިރާޓާއި އަނުޝްކާ އެތަނަށް ދިއުމުގެ ކުރިން އެ މީހުން ދާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެމީހުން ދިޔައީ ހަމަ ކުއްލިއަކަށް ކަމަށެވެ. އަދި އެ ދެމަފިރިން ރެސްޓޯރެންޓުގައި ތިބި ވަގުތު ބޭރުގައި މީހުން ގިނަވެ، ކޮންޓްރޯލުން ނެއްޓުމުން ފުލުހުންގެ އެހީތެރިކަމަށް އެދެން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އަނުޝްކާ ވަނީ އެ ރެސްޓޯރެންޓުގެ ކެއުންތަކަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އެތަނުގެ "ބެނޭ މަސާލާ ޑޯސާ"އަކީ ވަރަށް މީރު އެއްޗެއް ކަމަށެވެ.

ވިރާޓް އާއި އަނުޝްކާއަކީ އިންޑިއާގައި އެންމެ މަގުބޫލު އެއް ޖޯޑަށް ވާއިރު، އެމީހުން އާންމު ތަންތަނަށް ނުކުމެ އުޅޭއިރު މިފަދަ ހާދިސާތައް އާންމުކޮށް ވެސް ކުރިމަތިވެ އެވެ.