މަޝްހޫރު ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ސީޒަންތައް ނިމުނުތާ ފަސް އަހަރު ފަހުން، އެ ސީރީޒްގެ ދުނިޔެ އިތުރަށް ފުޅާކޮށް އާ މަސައްކަތްތަކެއް ފަށަން އުޅޭކަން ނެޓްފްލިކްސް އިން އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އިން ވަނީ "ދަ ވޯލްޑް އޮފް މަނީ ހައިސްޓް ކޮންޓިނިއުސް"ގެ ނަމުގައި ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ.
އެ ޓީޒާގައި ކުރީގެ ފޯރިގަދަ ވައްކަންތަކުގެ މަންޒަރުތަކާ އެކު، ކުރިއަށް އޮތީ މިއަށް ވުރެ ބޮޑެތި އަދި ފޯރިގަދަ ކަންތައްތަކެއް ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ. އެ ޓީޒާގައި ބުނެފައި ވަނީ "މިކަން ފެށުނީ ފައިސާއިން، ދެން ރަނާއި އަގުބޮޑު ހަޒާނާތައް އައީ، ނަމަވެސް އިންގިލާބު އަދި ނުނިމޭ" ކަމަށެވެ.
މި އިއުލާނާ އެކު، ނެޓްފްލިކްސް އން ވަނީ ސްޕެއިންގެ ސެވިލްގައި ވަރަށް ތަފާތު އިޝްތިހާރު ކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެތަނުގެ ގުއަޑަލްކިވިރު ކޯރުގައި، ސީރީޒްގައި ބޭނުންކުރާ ރަތް ކުލައިގެ ޖަމްޕްސޫޓާއި "ޑާލީ" މާސްކް އަޅައިގެން ތިބި ބަޔަކު ބޯޓެއްގައި ދަނިކޮށް ފެނުނެވެ. އަދި އެ ސަރަހައްދުގައި ސީރީޒްގެ މަޝްހޫރު ލަވަ "ބެއްލާ ޗާއޯ" ވަނީ ޖަހައިފަ އެވެ.
"މަނީ ހައިސްޓް"ގެ ސްޕިން-އޮފް ސީރީޒް "ބާލިން" ގެ ދެވަނަ ސީޒަން ވެސް މި މަހު 15 ގައި ސްޓްރީމް ކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް، އާ ޓީޒާގައި ބުނާ އާ މަސައްކަތަކީ ސީދާ "މަނީ ހައިސްޓް"ގެ ހަވަނަ ސީޒަންތޯ ނުވަތަ އިތުރު ސްޕިން-އޮފް އެއްތޯ ނެޓްފްލިކްސް އިން އަދި ސާފުކޮށްދީފައެއް ނުވެ އެވެ.
މަނީ ހައިސްޓަކީ ނެޓްފްލިކްސްގައި، އިނގިރޭސި ނޫން އެހެން ބަސްބަހުން އުފައްދާފައިވާ ސީރީޒްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ސީރީޒެވެ.