މޯނާ ސިންގާއި ބަރުން ސޯބްތީގެ ކްރައިމް ތުރިލާ ސީރީޒް "ކޯރާ"ގެ ދެވަނަ ސީޒަނަށް ނެޓްފްލިކްސްގައި ބޮޑު މަގުބޫލުކަމެއް ލިބި، ދުނިޔޭގެ އެންމެ މަގުބޫލު 10 "ނޮން-އިންގްލިޝް" ޝޯތަކުގެ ލިސްޓުން ޖާގަ ހޯދައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި މަހު 11 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި މި ސީޒަނަށް ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ނެޓްފްލިކްސްގެ "ޓުޑުމް" ޕޭޖުން ބުނެފައިވާ ގޮތުގައި، މި މަހު 9 އިން 15 އަށް އެންމެ ގިނަ މީހުން ބެލި ނޮން-އިންގްލިޝް ޝޯތަކުގެ ތެރެއިން މި ސީރީޒް ވަނީ 10 ވަނަ ހޯދައިފަ އެވެ.

"ކޯރާ"ގެ ދެވަނަ ސީޒަނަށް މިހާތަނަށް 1.6 މިލިއަން ވިއުސް ލިބިފައިވާއިރު، މި ސީޒަން ބެލުމުގައި ބެލުންތެރިން 7.7 މިލިއަން ގަޑިއިރު ހޭދަކޮށްފައިވެ އެވެ. އަދި ދުނިޔޭގެ 11 ގައުމެއްގެ ޓޮޕް 10 ލިސްޓުގައި ވެސް މި ޝޯ ހިމެނިފައިވެ އެވެ. 

"ނޮން-އިންގްލިޝް" ޝޯތަކުގެ ލިސްޓުގެ އެއްވަނައިގައި މިވަގުތު އޮތީ "އަންފެމެލިއާ" އެވެ. މީގެ އިތުރުން "ދި އާޓް އޮފް ސޭރާ" އާއި "ލީޑް ޗިލްރެން" އަދި "ސެލްވޭޑޯ" ކަހަލަ ޝޯތައް ވެސް އެ ލިސްޓުގައި ހިމެނެ އެވެ.

ޖުމްލަ ހަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ "ކޯރާ"ގެ މި ސީޒަނަކީ ފުރަތަމަ ސީޒަނާ ތަފާތު، ޕަންޖާބުގެ އަނދިރި ފަރާތް ދައްކާ، މަރުގެ ތަހުގީގެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެކެވެ. ވާހަކަ ބިނާކޮށްފައި ވަނީ އެސިސްޓެންޓް ސަބް އިންސްޕެކްޓަރު އަމަރުޕާލް ގަރުންދީ (ބަރުން) އާއި އޭނާގެ ހަރުކަށި ބޮސް އިންސްޕެކްޓަރު ދަންވަންތު ކޯރު (މޯނާ) ކުރިއަށް ގެންދާ މަރުގެ ތަހުގީގެއްގެ މައްޗަށެވެ.

މި ސީރީޒްގެ ކާސްޓުން ދެއްކި އެކްޓިންއަށް ކްރިޓިކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"ހިންދުސްތާން ޓައިމްސް"ގެ ރިވިއުގައި ބުނެފައިވާ ގޮތުގައި، މޯނާ އާއި ބަރުންގެ އެކްޓިންއަކީ ފާހަގަކޮށްލެވޭ ފެންވަރުގެ މަސައްކަތެކެވެ. ބަރުންގެ މަޖާ ޖުމްލަތަކާއި މޯނާގެ ސީރިއަސް ބޮޑީ ލޭންގުއޭޖުން އެ ދެ ފަންނާނުން ވަނީ ފުލުހުންގެ ރޯލު ވަރަށް ފުރިހަމައަށް ދައްކައިދީފަ އެވެ.

މީގެ އިތުރުން، ސަޕޯޓިން ކާސްޓުގައި ހިމެނޭ ޕްރަޔާކް މެހެތާ އާއި ޕޫޖާ ބަމްރާގެ މަސައްކަތް ވެސް އެ ރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ކޯރާ"ގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2023 ވަނަ އަހަރު އެވެ. އެ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.