ބޮލީވުޑްގެ އެކްޓްރެސް ފަރިނީތީ ޗޯޕްރާ ކުޅޭ ފުރަތަމަ ސީރީޒް ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭ އިންޑިއާގެ އުފެއްދުންތަކުގެ ލިސްޓުގައި ހިމަނާފައިވާ އެ ސީރީޒްގެ ނަމަކީ "ތަލާޝް: އަ މަދާސް ސާޗު" އެވެ.
މިއީ ނެޓްފްލިކްސްގެ ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގައި ދެއްކި މޮޅު އެކްޓިންއަށް ފަހު، ޕަރިނީތީ ކުޅޭ އޭނާގެ ފުރަތަމަ ވެބް ސީރީޒެވެ.
މި ތުރިލާ ސީރީޒްގައި ދައްކާނީ ގެއްލިގެން އުޅޭ ދަރިއަކު ހޯދުމަށް މަޔަކު އުފުލާ ވޭނެވެ. އޭނާގެ އަންހެން ދަރިފުޅު ހޯދުމަށް 15 ލައްކަ ރުޕީސްގެ އިނާމެއް ހުށަހަޅާއިރު، އޭނާ ހުންނަނީ އަމިއްލަ އާއިލާއަށް ވެސް އިތުބާރު ނުކުރެވޭ ފަދަ ނުރައްކާތެރި ހާލަތްތަކެއްގެ ތެރޭގަ އެވެ.
ނެޓްފްލިކްސް އިން ވަނީ މި ސީރީޒްގެ ފަސްޓް ލުކް ޓީޒާ ވެސް މިދިޔަ ހޯމަ ދުވަހު އާންމުކޮށްފަ އެވެ.
އަލްކެމީ ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ސީރީޒްގެ ޑައިރެކްޓަރަކީ ރެންސިލް ޑިސިލްވާ އެވެ.
ޕަރިނީތީއާ އެކު މި ސީރީޒްގައި މުހިންމު ރޯލުތައް ކުޅެނީ ސޯނީ ރާޒްދާން، އަނޫޕް ސޯނީ، ތާހިރު ރާޖް ބާސިން އަދި ސުމީތު ވިޔާސް އެވެ.
މިއީ މިދިޔަ އަހަރު ފިރިމީހާ ރާގަވް ޗައްޑާއާ އެކު، އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ފަހުން ޕަރިނީތީ ފެންނާނެ ފުރަތަމަ މަސައްކަތެވެ.
ޕަރިނީތީ އޭނާގެ ޔޫޓިއުބް ޗެނަލްގައި މިދިޔަ މަހު ހިއްސާކުރި ވީޑިއޯއެއްގައި ނަފުސާނީ ދުޅަހެޔޮ ކަމާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނީ މީހާގެ ވިސްނުން ޕޮޒިޓިވް ނަމަ، ހަށިގަނޑު ވެސް އެކަމަކަށް ތަބާވާނެ ކަމަށެވެ. އަދި ހެނދުނު ހޭލާ ގޮތަށް ފޯނު ބޭނުންކުރުމަކީ ސިކުނޑި މޮޔަކޮށްލާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާގެ ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ސިއްހަތާއި ފިޓްނަސް އަދި ނަފްސާނީ ދުޅަހެޔޮކަން ކަމުގައި ވެސް ޕަރިނީތީ ބުންޏެވެ.
ޕަރިނީތީގެ ފުރަތަމަ ސީރީޒް "ތަލާޝް: އަ މަދާސް ސާޗު" ސްޓްރީމް ކުރަން ފަށާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.