ކެނެޑާގެ ރެޕް ލަވަކިޔުންތެރިޔާ ޑްރޭކް އާންމުން ސިއްސުވާލުމަށް ފަހު އެއްފަހަރާ ތިން މިއުޒިކް އަލްބަމް ނެރެފި އެވެ.

އޭއެފްޕީގެ ރިޕޯޓެއްގައި ބުނީ މީގެ ކުރިން އޭނާ ނެރޭނެ ކަމަށް އިއުލާންކޮށްފައި ވަނީ ހަމައެކަނި "އައިސްމޭން" ކިޔާ އަލްބަމެއް ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު އެ އަލްބަމް ނެރުނުއިރު، ސަޕްރައިޒެއްގެ ގޮތުގައި "ހަބިބްތީ" އަދި "މެއިޑް އޮފް އޮނާ" ކިޔާ އަލްބަމެއް ވެސް ރިލީޒްކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ތިން އަލްބަމްގައި ޖުމްލަ 43 ލަވަ ހިމެނޭއިރު، އެއީ ގާތްގަނޑަކަށް ދެ ގަޑިއިރާއި ބައިގެ ދިގުމިނުގެ މިއުޒިކް ކަލެކްޝަނެކެވެ. އެ ލަވަތަކުގައި ޑްރޭކްއާ އެކު ފިއުޗާ، ޓުވެންޓީވަން ސެވޭޖު އަދި ސެކްސީ ރެޑް ފަދަ މަޝްހޫރު އާޓިސްޓުން ބައިވެރިވެފައިވެ އެވެ.  

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ކެންޑްރިކް ލަމާގެ "ނޮޓް ލައިކް އަސް" ލަވައާ އެކު ނިމުނު ބޮޑު މިއުޒިކީ ހަނގުރާމައަށް ފަހު، އަދި އަމިއްލަ ރެކޯޑް ލޭބަލްއާ ދެކޮޅަށް ކުރި ދައުވާ ކޯޓުން ބޭރުކޮށްލި ފަހުން ޑްރޭކް ހުރީ މީޑިއާތަކާ ދުރުގަ އެވެ. ނަމަވެސް، މި އާ އަލްބަމްތަކާ އެކު އޭނާ ވަނީ އަނެއްކާވެސް އެ ހަނގުރާމަ ފަށައިފަ އެވެ.

އަލްބަމްގައި ހިމެނޭ "މޭކް ދެމް ރިމެމްބާ" ލަވައިގައި، ޕުލިޓްޒާ އިނާމު ހޯދާފައިވާ ކެންޑްރިކް ލަމާގެ އިސްކޮޅާ ބެހި، ޑްރޭކް ވަނީ މަލާމާތްކޮށްފަ އެވެ. ކެންޑްރިކް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ސުޕަ ބޯލްގެ ހާފްޓައިމް ޝޯގައި އެތައް މިލިއަން ބައެއްގެ ކުރިމަތީގައި ޑްރޭކްއާ ދެކޮޅު އެ ލަވަ ހުށަހަޅައިފަ އެވެ.

މީޑިއާ ރިވިއުތައް ބުނާ ގޮތުގައި، ޑްރޭކްގެ މި ފާޑުކިޔުންތައް އަމާޒުވަނީ ހަމައެކަނި ކެންޑްރިކްއަކަށް ނޫނެވެ. 

މަޝްހޫރު ރެޕް އާޓިސްޓުން ކަމަށްވާ ޖޭ-ޒީ، ޖޭ ކޯލް، ޕުޝާ ޓީ، އޭސެޕް ރޮކީގެ އިތުރުން އެންބީއޭގެ ލެޖެންޑް ލެބްރޯން ޖޭމްސްއަށް ވެސް އެ ލަވަތަކުގައި ޑްރޭކް ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައި ކަމަށް ރިވިއުތަކުގައި ބުންޏެވެ.