މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އޭނާގެ ފަސްވަނަ ސްޓޫޑިއޯ އަލްބަމް "ކޮނަކޮލް" ނެރެފި އެވެ.
މި އަލްބަމަށް ދީފައިވާ ނަން "ކޮނަކޮލް" އަކީ ދެކުނު އިންޑިއާގެ ކާނާޓިކް މިއުޒިކްގައި އަނގަބަހުން ރިދަމް ނުވަތަ ބީޓްސް އުފައްދާ ފަންނަށް ކިޔާ ނަމެކެވެ. ޒޭން ބުނި ގޮތުގައި، މިއީ އޭނާގެ އަމިއްލަ ސަގާފަތާއި ތަރިކައާ ވަރަށް ބޮޑަށް ގުޅިފައިވާ އަލްބަމެކެވެ.
ޖުމްލަ 15 ލަވަ ހިމެނޭ މި އަލްބަމްގައި އޭނާގެ "ސައިޑްވޭސް" އާއި "ޑައި ފޮ މީ" އާއި "މީ" އަދި "ސައިޑް އިފެކްޓްސް" ކަހަލަ ލަވަތައް ހިމެނެ އެވެ.
މި އަލްބަމްގެ ފުރަތަމަ ލަވަ "ނުސްރަތު" އަކީ ޕާކިސްތާނުގެ މަޝްހޫރު ގައްވާލީ ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭ އަލީ ހާނަށް ހާއްސަކޮށްފައިވާ ލަވައެކެވެ.
މި އަލްބަމްގެ ކަވަރުން ފެންނަނީ ޒޭންގެ މޫނާއި "ސްނޯ ލެޕާޑް" (ސަގާފީ ގޮތުން ދެކުނު އޭޝިއާގައި މުހިންމު ރަމްޒެއް)ގެ މޫނު އެކުވެފައިވާ މަންޒަރެކެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު އިނގިރޭސިވިލާތުގެ މެންޗެސްޓާ އިން އޭނާގެ "ކޮނަކޮލް ޓުއާ" ފަށާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ޓުއާގެ ޝޯތައް މި އަންނަ ނޮވެމްބަރު މަހާ ހަމައަށް ދުނިޔޭގެ އެކި ސިޓީތަކުގައި ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.
އިނގިރޭސި ބޯއީ ބޭންޑް "ވަން ޑިރެކްޝަން" އިން ގިނަ ބައެއްގެ ލޯބި ހޯދި ޒޭންގެ ހަތަރުވަނަ ސްޓޫޑިއޯ އަލްބަމް "ރޫމް އަންޑާ ދަ ސްޓެއާސް" ނެރުނީ 2024 ގަ އެވެ.