ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް، ބީޓީއެސްގެ އާ އަލްބަމް "އަރީރަންގް" ނެރުނުތާ 24 ގަޑިއިރުގެ ތެރޭގައި 3.98 މިލިއަން ކޮޕީ ވިކި، އާ ރެކޯޑެއް ހަދައިފި އެވެ. 

ބީޓީއެސްގެ މެނޭޖްމަންޓް ކުންފުނި، ބިގް ހިޓް މިއުޒިކުން ބުނި ގޮތުގައި، އެ އަލްބަމަކީ އެ ބޭންޑްގެ ފަސްވަނަ "ފުލް-ލެންތު" އަލްބަމެވެ. އަދި އަލްބަމް ނެރުނުތާ އެންމެ 10 މިނެޓުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ކޮޕީ ވިކިފައިވާއިރު، މިއީ މީގެ ކުރިން ބީޓީއެސްގެ "މެޕް އޮފް ދަ ސޯލް: 7" އިން ހަދާފައިވާ ހަފުތާއެއްގެ ސޭލްސް ރެކޯޑް (3.37 މިލިއަން ކޮޕީ) އެންމެ ދުވަހަކުން މުގުރާލި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތަކުގައިވާ ގޮތުގައި، މި އަލްބަމް ވަނީ ދުނިޔޭގެ 88 ގައުމެއްގެ އައިޓިއުންސް ޓޮޕް އަލްބަމްސް ޗާޓުގެ އެއްވަނަ ހޯދައިފަ އެވެ. އޭގެ ތެރޭގައި އިޓަލީ އާއި މެކްސިކޯ އަދި ސްވިޑަން ކަހަލަ ގައުމުތައް ހިމެނެ އެވެ.

އަލްބަމްގެ މައި ލަވަ "ސްވިމް" ވަނީ 90 ގައުމެއްގެ އައިޓިއުންސް ޓޮޕް ސޯންގްސް ޗާޓުގެ އެއްވަނަ ހޯދައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ، ޖަޕާން، އިނގިރޭސިވިލާތް، ޖަރުމަނު އަދި ފްރާންސް ހިމެނެ އެވެ.

"ސްވިމް"ގެ މިއުޒިކް ވީޑިއޯ ވަނީ 70 ގައުމެއްގެ ޓްރެންޑިން މިއުޒިކް ޗާޓުގެ އެއްވަނަ ވެސް ހޯދައިފަ އެވެ.

ދެކުނު ކޮރެއާގެ އެތެރޭގެ މިއުޒިކް ޕްލެޓްފޯމްތައް ކަމަށްވާ "މެލަން" އަދި "ބަގްސް"ގެ ރިއަލް-ޓައިމް ޗާޓުތަކުގެ އެއްވަނަ ވެސް މި ލަވަ ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން އަލްބަމްގައި ހިމެނޭ ހުރިހާ ލަވައެއް ވަނީ މެލަންގެ ޓޮޕް 100 ޗާޓަށް އަރައިފަ އެވެ.

މި އަލްބަމަކީ ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު ބީޓީއެސްގެ ހުރިހާ މެންބަރުން އެކީގައި ގެނެސްދިން ފުރަތަމަ އަލްބަމެވެ.

"އަރީރަންގް" ބިނާކޮށްފައި ވަނީ ބީޓީއެސްގެ އަމިއްލަވަންތަކަމާއި ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ހުއްޓުމެއް ނެތި ކުރިއަށް ދިއުމުގެ މައްޗަށެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ސޯލްގެ ގުވަންގްވަމުން ސްކުއެއާގައި ބޭއްވި "ބީޓީއެސް ދަ ކަމްބެކް ލައިވް: އަރީރަންގް" ކޮންސާޓް ވަނީ ނެޓްފްލިކްސް މެދުވެރިކޮށް މުޅި ދުނިޔެއަށް ވަގުތުން އިއްޔެ ދައްކައިފަ އެވެ.