ނެޓްފްލިކްސްގެ މަގުބޫލު އެނިމޭޓެޑް ފިލްމު "ކޭ-ޕޮޕް ޑީމަން ހަންޓާސް" އަށް ބިނާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންސަޓް ޓުއާއެއް ބާއްވަން ނިންމައިފި އެވެ.

އެކަން އިއުލާންކޮށްފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ނެޓްފްލިކްސްގެ "އަޕްފްރަންޓް" ޕްރެޒެންޓޭޝަނެއްގަ އެވެ. އެ ކޮންސާޓް ޓުއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ލައިވް އެންޓަޓެއިންމަންޓް ކުންފުނި "އޭއީޖީ ޕްރެޒެންޓްސް"އާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ޓުއާގައި ފިލްމުގައި ފެންނަ "ހަންޓާ/އެކްސް" ގްރޫޕުގެ މިއުޒިކާއި ފިލްމުގެ މުހިންމު މަންޒަރުތައް ލައިވްކޮށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފޭނުންނަށް ލިބޭނެ އެވެ.

އެ ކޮންސާޓް ބާއްވާނެ ސިޓީތަކާއި ތާރީހުތައް މި އަހަރުގެ ފަހުކޮޅު އިއުލާން ކުރާނެ ކަމަށާއި މިހާރު ވެސް ޓިކެޓްގެ މައުލޫމާތު ހޯދުމަށް "ވެއިޓްލިސްޓް"އެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 

"ކޭ-ޕޮޕް ޑީމަން ހަންޓާސް"އަކީ ނެޓްފްލިކްސްގައި މިހާތަނަށް އެންމެ ގިނަ މީހުން ބެލި އެނިމޭޓެޑް ފިލްމެވެ. އެ ފިލްމަށް ވަނީ ދެ އޮސްކާ އެވޯޑް (ބެސްޓް އެނިމޭޓެޑް ފީޗާ އަދި ބެސްޓް އޮރިޖިނަލް ސޯންގް "ގޯލްޑެއް") ވެސް ލިބިފަ އެވެ.

އެ ފިލްމުގައި ދައްކަނީ ކޭ-ޕޮޕް ލަވަކިޔުންތެރިންގެ ގޮތުގައި އުޅޭ ތިން އަންހެން ކުދިން (ރުމީ، މީރާ އަދި ޒޯއީ)، ދުނިޔެ ސަލާމަތްކުރުމަށް ސިއްރިއްޔާތުގައި ފުރޭތަތަކާ ކުރާ ހަނގުރާމަ އެވެ. 

ނެޓްފްލިކްސް އިން ބުނި ގޮތުގައި، މި ފިލްމުގެ ސަބަބުން ދެކުނު ކޮރެއާއަށް ދަތުރުކުރާ މީހުންގެ އަދަދު 25 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިހާރު އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.