ކޭ-ޕޮޕްގެ ދުނިޔޭގެ މަޝްހޫރު ބޭންޑް ބީޓީއެސް އެނބުރި އައިސް ބޭއްވި ފުރަތަމަ ލައިވް ޝޯ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 18.4 މިލިއަން މީހުން ބަލާފައިވާ ކަމަށް ނެޓްފްލިކްސް އިން މިއަދު ބުނެފި އެވެ.
ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތް ފުރިހަމަކުރުމަށް ފަހު، އެ ބޭންޑުގެ ހަތް މެމްބަރުން އެކުގައި ފެނުނު ފުރަތަމަ ޝޯ ބާއްވާފައި ވަނީ މިދިޔަ ހަފުތާ ބަންދުގަ އެވެ. އެއީ، އެ ބޭންޑުގެ އާ އަލްބަމް "އަރީރަންގް" ނެރުނުތާ އެއް ދުވަސް ފަހުން ބޭއްވި ޝޯއެކެވެ.
އެ ޝޯ ބޭއްވީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ތާރީހީ ގުޔޮންބޮކްގުންގް ޕެލަސް އާއި ގުވަންގްވަމުން މައިދާނުގަ އެވެ.
އޭއެފްޕީގެ ރިޕޯޓެއްގައި ބުނީ ނެޓްފްލިކްސް އިން ވަގުތުން ދެއްކި އެ ޝޯ 80 ގައުމެއްގެ "ޓޮޕް 10"ގައި ހިމެނުނުއިރު، 24 ގައުމެއްގެ އެއްވަނަ ހޯދާފައިވާ ކަމަށެވެ.
އެ ޝޯ ބަލަން ސޯލްގެ މަގުތަކަށް 100،000 އަށް ވުރެ ގިނަ ސަޕޯޓަރުން ޖަމާވި ކަމަށާއި 15،000 އަށް ވުރެ ގިނަ ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ކަމަށް އޭއެފްޕީން ބުންޏެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި، މި ޝޯއަކީ އެ ކުންފުނިން ދެކުނު ކޮރެއާގައި ބޭއްވި ފުރަތަމަ "ލައިވް އިވެންޓް" އެވެ. ބީޓީއެސްގެ އާ އަލްބަމް ނެރުނު ފުރަތަމަ ދުވަހު ވެސް ހަތަރު މިލިއަން ކޮޕީ ވިކިފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ "ސްވިމް" އަދި "ބޮޑީ ޓު ބޮޑީ" ކަހަލަ ލަވަތައް ވަނީ ސްޕޮޓިފައިގެ ޗާޓުތަކުގެ ކުރި ހޯދައިފަ އެވެ.
ބީޓީއެސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ބޭންޑުގެ "އަރީރަންގް" ވޯލްޑް ޓުއާ އަށެވެ. އަންނަ މަހު 9 ގައި ކޮރެއާގެ ގޮޔަންގް އިން ފަށާ އެ ޓުއާގައި ދުނިޔޭގެ 34 ސިޓީއެއްގައި 82 ޝޯއެއް ދިނުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އެ ބޭންޑުން އުތުރު އެމެރިކާ އަދި ޔޫރަޕްގައި ބާއްވާ ޝޯތަކުގެ ޓިކެޓް މިހާރު ވެސް ވަނީ ވަކި ހުސްވެފަ އެވެ.
ރާއްޖެއާ އެންމެ ކައިރިން ބީޓީއެސްގެ ޝޯތައް ބާއްވަނީ އަންނަ ޑިސެމްބަރު މަހު މެލޭޝިއާ އާއި ސިންގަޕޫރު އަދި ތައިލެންޑުގަ އެވެ.