ބޮލީވުޑްގެ ތަރި ކަރިޝްމާ ކަޕޫރު ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެނބުރި ސްކްރީނަށް އަންނަ އާ ވެބް ސީރީޒް "ބްރައުން"ގެ ފުރަތަމަ ޓީޒާ އިއްޔެ ދައްކާލައިފި އެވެ.

ޒީފައިވް އިން ދެއްކުމަށް ހަމަޖެހިފައިވާ އެ ސީރީޒްގައި ކަރިޝްމާ ފެންނާނީ ތަފާތު އަދި ވަރުގަދަ ފުލުހެއްގެ ރޯލުންނެވެ.

މި ސީރީޒްގެ ޓީޒާ ފެށެނީ ފޮއްޓެއްގެ ތެރޭގައި ތާށިވެފައި ހުންނަ މީހެއްގެ މަންޒަރުންނެވެ. މިއީ "ނިއޯ-ނޮއިރު" ސައިކޮލޮޖިކަލް ކްރައިމް ތުރިލާއެކެވެ. ސީރީޒްގައި ކަރިޝްމާ ކުޅެނީ ކަލްކައްތާގެ ފުލުހެއް ކަމަށްވާ ރީޓާ ބްރައުންގެ ރޯލެވެ. ނުރައްކާތެރި އަދި ބިރުވެރި ކުށްތަކެއް ތަހުގީގުކުރާ ފުލުހެއްގެ ރޯލެވެ.

ޓީޒާއިން ފެންނަ ގޮތުގައި، ކަރިޝްމާގެ ކެރެކްޓާއަކީ ހިތާމަވެރި އަދި އަނދިރި މާޒީއެއް އޮތް، ނަފުސާނީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މީހެކެވެ. މީގެ އިތުރުން، ސިހުރުގެ ބާރެއް ނުވަތަ ރޫހާނީ ކަމެއް އުޅޭ ކަމަށް ހީވާ ކަހަލަ ބިރުވެރި މަންޒަރުތަކެއް ވެސް ޓީޒާގައި ހިމެނެ އެވެ.

ކަރިޝްމާ އޭނާގެ ސޯޝަލް މީޑިއާގައި މި ޓީޒާ ހިއްސާކުރަމުން ލިޔެފައި ވަނީ "އުފާވެރިކަމުގެ ސިޓީ (ކަލްކައްތާ) ކުށްތަކުން ފުރިގެންދާއިރު، އެންމެން ގޮވާނީ ކާކަށް؟ ބްރައުން. ވަރަށް އަވަހަށް ޒީފައިވް އިން،" އެވެ. 

ކަރިޝްމާ އެންމެ ފަހުން ފެނުނީ ނެޓްފްލިކްސް އިން 2024 ވަނަ އަހަރު ނެރުނު "މާޑާ މުބާރަކް" އިންނެވެ. އޭގެ ދެ އަހަރު ފަހުން އޭނާ އެނބުރި އަންނާތީ، އޭނާގެ ކޮއްކޮ އަދި ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ވެސް ވަނީ އިންސްޓަގްރާމްގައި މި ޓީޒާ ހިއްސާކޮށްފަ އެވެ. 

ކަރިޝްމާ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މި ކެރެކްޓާއަކީ ވަރަށް ހަގީގީ އިންސާނީ ރަހުމުހުރި މީހެއް ދައްކާ ކެރެކްޓާއެއް ކަމަށެވެ.

"މިއީ އަހަރެން ހޯދަމުން ދިޔަ ކަހަލަ ކްރިއޭޓިވް ގޮތުން ހިތްހަމަޖެހުން ލިބޭނެ ކަހަލަ ރޯލެއް. މިއީ ހަމައެކަނި އަންހެން ކުއްޖެއްގެ މަރުގެ މައްސަލައެއް ތަހުގީގުކުރާ ކްރައިމް ޑްރާމާއެއް ނޫން، މީގައި އާންމުކޮށް ސްކްރީންތަކުން ނުފެންނަ ފަދަ މައުޟޫއުތަކަށް ވާހަކަ ދައްކާނެ،" ކަރިޝްމާ ބުންޏެވެ.