މިދިޔަ ފެބްރުއަރީ މަހުގެ 23 ގައި ރިލީޒްކުރި ޑިސްނީގެ ލައިވް އެކްޝަން ފިލްމް "ބިއުޓީ އެންޑް ދަ ބީސްޓް" ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

މިއީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ.

އެމާ ވަޓްސަން އާއި ޑޭން ސްޓީވަން ޓައިޓްލް ރޯލް ކުޅުނު "ބިއުޓީ އެންޑް ދަ ބީސްޓް" ބޮކްސް އޮފީހުގައި ހޯދި މި ކާމީޔާބީއާ އެކު، ޑިސްނީން މި ވަނީ އަނެއްކާ ވެސް އެ ސްޓޫޑިއޯގެ ވަރުގަދަކަން އިތުރަށް ސާބިތުކޮށް ދީފަ އެވެެ.

ބޮކްސް އޮފީހުގައި މިހާތަނަށް ބިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ 29 ފިލްމުގެ ތެރެއިން 14 ފިލްމަކީ ޑިސްނީގެ ފިލްމްތަކެވެ.

އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެރުނު އެނިމޭޓެޑް ފިލްމް "ޒޫޓޯޕިއާ" އާއި "ރޯގް ވަން: ދަ ސްޓޯރީ އޮފް ސްޓާވޯސް" އަދި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" ވެސް ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދައިފަ އެވެ.

ބިލް ކޮންޑޮން ޑައިރެކްޓްކޮށްފައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" ރިލީޒް ކުރި އިރު ވެސް، މި ފިލްމް ބޮކްސް އޮފީހުގައި ރެކޯޑް އަދަދަކަށް ވިޔަފާރި ކުރާނެ ކަމަށް އޮތީ އަންދާޒާ ކުރެވިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމް ދައްކައިގެން އާމްދަނީ އެއް ބިލިއަން ފަހަނައަޅައި ދިޔަ އިރު، މި ފިލްމް ހަދަން ހަރަދުކޮށްފައި ވަނީ 160 މިލިއަން ޑޮލަރެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމް ހަދަން ކުރި ހަރަދާއި މާކެޓިންއާ އެކު ޖުމްލަ ފިލްމަށް ހަރަދުކޮށްފައި ވަނީ 300 މިލިއަން ޑޮލަރެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ރިލީޒް ކުރި ހަފުތާގައި ބަންދުގައި އެކަނި ވެސް ފިލްމަށް ވަނީ ރެކޯޑް އަދަދެއްގެ އާމްދަނީއެއް ލިިބިފަ އެވެ. އެއީ 174 މިލިއަން ޑޮލަރެވެ.

ބިލިއަން ޑޮލަރު ކުލަބުން ޖާގަ ލިބުނު މަޝްހޫރު ބައެއް ފިލްމްތަކުގެ ތެރޭގައި ޖޭމްސް ކެމެރަންގެ ޓައިޓޭނިކް (1997)، އެވެޓާ (2009)، އެލައިސް ވޮންޑަލޭންޑް (2010) ފާހަގަކޮށްލެވެ އެވެ.