އިންޑިއާގައި މުސްލިމު ފިރިހެނުންނާ ކައިވެނިކުރާ ހިންދޫ އަންހެނުންގެ ސިޔާސީ ފިކުރަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު ދެއްކި ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
ކަންގަނާ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ފިލްމީ ދާއިރާގައި އުޅޭ ހިންދޫ އަންހެނުންނަކީ އާންމުކޮށް ސިޔާސީ ކަންކަމުގައި ވަކި ފަރާތަކަށް ނުޖެހޭ ބައެއް ކަމަށެވެ.
ނަމަވެސް، ކައިވެނީގެ ގުޅުމުން ނުވަތަ އެކުވެރިކަމުގެ ތެރެއިން މުސްލިމުންނާ ބައްދަލުވުމާ އެކު، އެމީހުންގެ ވިސްނުން ވަގުތުން ބަދަލުވެ، "ކަނާތުފިޔައިގެ ހައްދުފަހަނައެޅި މީހުންނަށް" ވާ ކަމަށް އޭނާ ތުހުމަތުކުރި އެވެ.
އެ ވާހަކަތަކުގައި ކަންގަނާ ވަކި މީހެއްގެ ނަން ނުކިޔަސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ބަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މުސްލިމު އެކްޓަރު ޒަހީރު އިގްބާލްއާ ކައިވެނިކޮށްގެން އުޅޭ ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އަށެވެ.
އެ ޝައްކުތައް އިތުރަށް ބޮޑުވީ ކަންގަނާ އޭގެ ފަހުން އިންސްޓަގްރާމްގައި ހިއްސާކުރި ސްޓޯރީއެއްގެ ސަބަބުންނެވެ. އެ ސްޓޯރީގައި ކަންގަނާ ވަނީ އެކްޓްރެސްގެ ނަން ނުކިޔާ އޭނާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށާއި ސިޔާސީ ގޮތުން ދައްކާ ވާހަކަތަކަށް ފާޑުކިޔައިފަ އެވެ.
ކަންގަނާ ސިފަކުރި ގޮތުގައި، އެ އެކްޓްރެސް މިހާރު ހެދުން އަޅައި ވާހަކައްކަނީ "ފޭރޭ މީހެއް" ގޮތަށެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ މަހު ބޭއްވި ދަރިވަރުންގެ އިހުތިޖާޖުތަކަށް ތާއީދުކޮށް އެންމެ ފުރަތަމަ ވާހަކަދެއްކި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ސޮނާކްޝީ ހިމެނެ އެވެ. އެހެންވެ، ކަންގަނާ އެ ދައްކަނީ ސޮނާކްޝީގެ ވާހަކަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ނަމަވެސް، މިކަމާ ގުޅިގެން ސޮނާކްޝީ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީ ސަމްސީލުކުރާ ކަންގަނާ ވަނީ ދަރިވަރުންގެ މުޒާހަރާގައި އުޅުނު ޖެން-ޒީ ޒުވާނުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ކަންގަނާ އާއި ސީޖޭޕީގެ ތަރުޖަމާން ސައުރަވް ދާސްއާ މެދުގައި ވެސް ބަހުގެ ހަމަލާތަކެއް ހިނގި އެވެ.