ކަރަން ޖޯހަރު ހޯސްޓްކުރި މަގުބޫލު ރިއަލިޓީ ޝޯ "ދަ ޓްރެއިޓާސް"ގެ ދެވަނަ ސީޒަން ކާމިޔާބުކޮށް، ކްރިސްޓަލް ޑިސޫޒާ އާއި ރިދާ ތަރާނާ 66 ލައްކަ އިންޑިއަން ރޫޕީސްގެ ފައިސާގެ އިނާމު ހޯދައިފި އެވެ.
އެ ދެ ބައިވެރިން ޝޯ ކާމިޔާބުކުރީ "ޓްރެއިޓާސް"ގެ ގޮތުގައި ފަހު ވަގުތާ ހަމައަށް ދެމިތިބެ، އެހެން އިނޮސެންޓް ބައިވެރިން ގޭމުން ކަޓުވާލައިގެންނެވެ. ޝޯގެ ފައިނަލް އެޕިސޯޑު ފެށުނީ ގްރޭންޑް ފައިނަލްގެ ދުވަހު ޕްލެސްގެ ތެރެއިން މަލިކާ ޝެރާވަތު "މަރުވި" ނުވަތަ ގޭމުން ކަޓައިގެން ދިޔަ ހިސާބުންނެވެ.
އެއަށް ފަހު، ބާކީ ތިބި ބައިވެރިން ކަމަށްވާ ދަލީޕް ތާހިލް، ޝާލިނީ ޕައްސީ، ސާހިލް ސަލާތިއާ، ކްރިސްޓަލް އަދި ރިދާ ވަނީ ޖަމަލުތަކުގެ ބުރަކަށިން ރަން ފައިސާ ފޮތި އެއްކުރާ ގޭމެއް ކުޅެ އިނާމުގެ ފައިސާ އިތުރުކުރުމުގެ މިޝަން ފުރިހަމަކޮށްފަ އެވެ.
އެ މިޝަނަށް ފަހު، އަންހެން ބައިވެރިން ގުޅިގެން ރޭވި ރޭވުމުގެ ދަށުން ދަލީޕް ވަނީ ވޯޓަކުން ޝޯއިން ބޭރުކޮށްލައިފަ އެވެ.
އެންމެ ފަހު މަރުހަލާގައި ބާކީ ތިބީ ކްރިސްޓަލް، ރިދާ، ސާހިލް އަދި ޝާލިނީ އެވެ.
ކަރަންގެ ކުރިމަތީގައި ބޭއްވި އެންމެ ފަހުގެ ވޯޓުލުމުގައި އެންމެ ފުރަތަމަ ކަޓައިގެން ދިޔައީ ސާހިލް އެވެ. އެއަށް ފަހު ކްރިސްޓަލް އާއި ރިދާ ގުޅިގެން ޝާލިނީ ވޯޓުން ބޭރުކޮށްލި އެވެ. ޝާލިނީ ކެޓުމާ އެކު، އޭނާއަށް އޮޅުވާލުމުން ދިރިއުޅުމުން އެ ދެމީހުންނަށް ފިލާވަޅެއް ލިބޭނެ ކަމަށް ބުނެ އަސަރުގަދަ މެސެޖެއް ދިނެވެ.
ޝޯގެ އެންމެ ފަހު ދެ ބައިވެރިންގެ ގޮތުގައި ކްރިސްޓަލް އާއި ރިދާ ސާބިތުވެ ތިބުމުން، ކަރަން ވަނީ އެ ދެމީހުންނަކީ "ޓްރެއިޓާސް"ކަން ހާމަކޮށް، މުބާރާތުގެ ނަޝީބުވެރިންގެ ގޮތުގައި އިއުލާންކޮށްފަ އެވެ.
ރިދާއާ ދެކޮޅަށް ވޯޓުދީ އެކަނި މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ކްރިސްޓަލްއަށް އޮތް ނަމަވެސް، އޭނާ ނިންމީ މުޅި ޝޯގައި ދިން އެއްބާރުލުމަށް އިހުތިރާމްކޮށް ރިދާއާ އެކު އެ ކާމިޔާބީ ހިއްސާކުރުމަށެވެ.
އެއާ އެކު މި ޝޯގެ އިނާމުގެ ގޮތުގައި ލިބޭ 66 ލައްކަ ރުޕީސް (69,750.71 ޑޮލަރު) ދެމީހުންނަށް ހަމަހަމައަށް ބަހާނެ އެވެ.
"ދަ ޓްރެއިޓާސް" އަކީ ޑަޗް ޝޯ "ޑި ވެރާޑާސް" އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، އަދި އެމެރިކާ އާއި އިނގިރޭސިވިލާތުގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒެކެވެ.
އެ ޝޯގައި ބައިވެރިން އެކުވެގެން މަސައްކަތްކުރަން ޖެހެނީ އިނޮސެންޓުންގެ ތެރޭގައި ތިބި ޓްރެއިޓަރުން ހޯދައި ގޭމުން ބޭރުކުރާށެވެ.
އިންޑިއާގެ "ޓްރެއިޓާސް"ގެ މި ސީޒަނުގައި އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ މަޝްހޫރު ތަރިންތަކެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ރިއާ ޗަކްރަބޯތީ، އަބީޝެކް މަލްހާން، މުނައްވަރު ފާރޫގީ، ޝްވޭތާ ތިވާރީ، ހަރްމަން ސިންގާ އަދި ރަންވީރު ބްރާރު ކަހަލަ މަޝްހޫރު މޫނުތައް ހިމެނެ އެވެ.